އއ. މަތިވެރީގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ނިންމާލައި، ކޮމިޝަން ކޮށްފައިވާ ކަމަށް، ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މަތިވެރީގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އެ ކުންފުންޏާއި، ޕްލޭނިން މިނިސްޓްރީގެ އިތުރުން، ސްޓެލްކޯގެ އިސް ބައެއް ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި، ގޭގެއަށް ކަނެކްޝަން ގުޅައިދީ، ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށްފައިވާ ކަމަށާއި، ފެން ރައްކާކުރުމަށް ތިން ތާނގި ބަހައްޓައި، ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށް، އެމްޑަބްލިއުއެސްސީން ބުންޏެވެ.

އޭގެ އިތުރުން އެ ކުންފުނިން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދެވިގެން ދާނެއެވެ. އަދި އެ މަޝްރޫއުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ވެސް އެމްޑަބްލިއުއެސްސީން ދެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ އެ މަޝްރޫއު ހަވާލުކުރީ 38.83 މިލިއަން ރުފިޔާއަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް އަމަލީގޮތުން ފަށާފައި ވަނީ ޑިސެމްބަރު 10، 2021 ގައެވެ.