ޖަލު ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށްޓަކައި ފުލުހުންނާއި ކަރެކްޝަންސް އިން އިންތިޒާމްތައް ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުން އެ މުއައްސަސާތަކަށް އިލްތިމާސް ކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރެއް ކަމަށް ވުމުން، ކަމާބެހޭ އިދާރާތަކުން ދަނީ އާންމުން އެކަމަށް ސަމާލުވުމަށް އެދި އިލްތިމާސްކުރަމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިދިޔަ އާދީއްތަ ދުވަހު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 43 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހްސާސްކުރެވޭ މިންވަރު މަތިވެފައި އެބަހުއްޓެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ މައުލޫމާތަށް އަލިއަޅުވާލައި ނެރުނު ނޫސްބަޔާނެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނީ، ފުލުހުންނާއި ކަރެކްޝަންސްގެ މަރުކަޒުތަކާއި ޖަލުތަކުގައި ތިބި ގައިދީންގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަނުން އެ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި، އެ ތަންތަން އާންމު ދުވަސްތަކުގައި ވެސް ހޫނު ގަދަ ކަމަށާއި، ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ހުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ފުލުހުންނާއި ކަރެކްޝަންސްގެ މަރުކަޒުތަކާއި ޖަލުތަކުގައި ގައިދީން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއް ދީ، އެ ތަންތަނުގެ ގޮޅިތަކުގެ ހޫނުމިން އިތުރަށް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ.

އާދަޔާ ހިލާފަށް މި ދުވަސްވަރު ހޫނު ގަދަވެފައި ވުމުން، ހޫނު ގަދަވާ ވަގުތުތަކުގައި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި މެނުވީ ބޭރަށް ނުދިއުމަށް، މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް، ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާންމު ގޮތެއްގައި ރާއްޖެ އަށް އެންމެ ހޫނުގަދަ ވަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހާއި މޭ މަހުގައެވެ.