ރާއްޖެ އާއި ޗާގޯސް އައިލެންޑްސް އާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ސަރުކާރަށް އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި، އަމިއްލަ ދެ ފަރާތަކާ އެކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި ވިދާޅުވީ، ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަކީ ކަނޑައެޅިގެން ގާނޫނުއަސާސީ އާ ހިލާފަށް ފޮނުއްވާފައިވާ ސިޓީއެއް ކަން އެނގެން އެބައޮތް ކަމަށެވެ. އެހެންވެ އެ ސިޓީ ބާތިލްކޮށްދިނުމަށް ވެސް އެ މައްސަލައިގައި ތިން ބޭފުޅުން އެދިވަޑައިގެންފައިވެއެވެ.

ތިން ބޭފުޅުން ވެސް އެ މައްސަލައިގައި ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ފާސްކޮށްގެންކަމަށް ވީ ނަމަވެސް، މަޖިލީހުގެ ރުހުން ހޯދާފައި ނެތުން
  • ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރެއް ރައީސަށް ގާނޫނުއަސާސީން ދީފައި ނެތުން
  • ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުން އާންމުންނަށް ސިއްރުކޮށްފައި ވުން
  • ރައީސް އަދި ސަރުކާރުން އަމަލުކޮށްފައި ވަނީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ގެއްލޭ ގޮތަށް، އަދި ދިވެހި ދައުލަތުގެ ސިޔާދަތަށް އިހްތިރާމް ގެއްލޭ ފަދަ ގޮތަކަށް
  • ޗާގޯސްގެ ރަށްތަކަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު، ރާއްޖެ އަށް ނިސްބަތްވާ ތަނަކަށް ވުމާއި، އެ ތަނާ އެންމެ ކައިރި ގައުމަކީ ރާއްޖެ އަށް ވުމާއި، ރާއްޖޭގެ ރަސްކަމުން މީގެ ކުރިން އެތައް އަހަރެއްގެ ކުރިން އެކަން ބަޔާންކޮށްފައި ވުން

އެ ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވީ، މޮރިޝަސް އިން ޗާގޯސް އާ މެދު ކުރާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް، ބާތިލް ދައުވާތަކެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ:

  • މޮރިޝަސް ވުޖޫދަށް އައިސްފައި ވަނީ ޗާގޯސް އަކީ ރާއްޖެ އަށް ނިސްބަތްވާ ތަނެއް ކަމަށް ބަޔާންކުރިތާ އެތައް އަހަރެއް ފަހުން 1968 ވަނަ އަހަރު ކަމަށް ވާތީ
  • މޮރިޝަސްގެ ރައްޔިތުންގެ ތެރޭގައި ޗާގޯސީން، އަދި އެ ޗާގޯސްގެ މިލްކުވެރިކަަމުގެ މައްޗަށް ދައުވާކުރެވޭނެ ބަޔަކު ނެތުމުން ކަމަށް ވާތީ
  • މޮރިޝަސްގެ ރައްޔިތުން އެއްވެސް ޒަމާނެއްގައި ޗާގޯސް އައިލެންޑްސް އަށް ގޮސް، އަމިއްލަ ބިމެއްގެ ގޮތުގައި އެ ތަން ގެންގުޅެފައި ނުވާތީ

އެހެންކަމުން، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ލިބިދީފިނަމަ، ރާއްޖެ އަށް ލިބިދީފައިވާ ބައެއް ގެއްލިގެން ދާނެ ކަމަށް އެ ތިން ބޭފުޅުން ވިދާޅުވިއެވެ. އެގޮތުން، އައްޑުއާ ދިމާލުން ދިވެހިންނަށް ލިބެން ޖެހޭ ކަނޑުގެ ސަރަހައްދުން 47،914 އަކަ ކިލޯމީޓަރު ރާއްޖެ އަށް ގެއްލި، ރާއްޖޭގެ އިގްތިސޯދުގެ އެއް ލޭނާރު ކަމަށްވާ މަސްވެރިކަން ކުރުމަށް ހުރަސް އެޅި، މަސްވެރިކަން ހުއްޓި ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ތިން ބޭފުޅުން ވެސް ވިދާޅުވިއެވެ.

ރައީސްގެ ސިޓީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައި ވަނީ ސައިންޓިފިކް އެއްވެސް ދިރާސާ އެއް ކުރުމެއް ނެތި، ރާއްޖޭގެ ސަރަހައްދާއި މަސްލަހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކަށް ބެލުމެއް ނެތި ކަމަށް ވިދާޅުވެ، ތިން ބޭފުޅުން ވެސް ސިފަކުރެއްވި ގޮތުގައި، އެ ސިޓީގެ ސަބަބުން ގައުމަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައެވެ.

އެހެންވެ، މައްސަލަ ހުށަހެޅުއްވި ތިން ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓުގައި ހަތަރު ކަމަކަށް އެދިވަޑައިގެންފައެވެ. އެ ކަންކަމަކީ

  • ޗާގޯސް މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން، އެ މައްސަލައިގައި އެއްވެސް ހައިސިއްޔަތަކުން ދިވެހި ދައުލަތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ދައުލަތަށް އަންގައި ވަގުތީ އަމުރެއް ކުރުމަށް
  • މައުޟޫއީ ގޮތުން މައްސަލަ ބަލައި، ރައީސް ފޮނުއްވި ސިޓީ ހާމަކޮށްދިނުމަށް އެދި ދައުލަތަށް އަމުރު ކުރުމަށް
  • އެ ސިޓީ ގާނޫނުއަސާސީ އާ ހިލާފުކަމަށް ކަނޑައަޅައިދިނުމަށް
  • އެ ސިޓީގައިވާ ހުރިހާ މުއާމަލާތްތަކާއި މުއާސަލާތުތައް އަދި އިޖުރާއާތުތައް ބާތިލްކަމަށް ކަނޑައަޅައިދިނުމަށް
  • ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އެ މައްސަލައިގައި ކުރައްވާފައިވާ މުއާމަލާތްތައް ބާތިލްކަމަށް ކަނޑައަޅައިދިނުމަށް

އެއާއެކު އެ މައްސަލަ އަވަސްކޮށްދިނުމަށް ވެސް ތިން ބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.

ޗާގޯސްގެ މައްސަލައިގައި ސުޕްރީމް ކޯޓަށް އުމަރު އިސްވެ ހުންނަވައި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ، އެ މައްސަލައިގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ރައީސްގެ ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލައްވާ، ޕެޓިޝަނެއް ތައްޔާރުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން، ޗާގޯސްގެ މައްސަލަ މަޑުޖައްސާލަދިނުމަށް އެދި، އިދިކޮޅު ޕީޕީއެމުން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ސިޓީ އެއް ފޮނުވައިފައެވެ.