މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް އެހީތެރިވުމުގެ ގޮތުން ހަރަކާތެއް ބާއްވައިފިއެވެ.
އެމްއޭސީއެލްއިން ބޭއްވި މި ހަރަކާތަކީ 'ވޯލްޑް އޯޓިޒަމް އެވެއާނަސް މަންތް' އާ ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތަކަށް ވާއިރު މި ހަރަކާތުގެ ތެރެއިން އެއާޕޯޓް ޓުއާއެއްގެ އިތުރުން ފަންޑް ރައިސިން އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއާޕޯޓް ޓުއާގައި ޖުމްލަ 14 ދަރިވަރުންނާއި 3 ޓީޗަރުން ބައިވެރިވިއިރު ރޭމްޕް އޮޕަރޭޝަންތަކާއި ފްލައިޓް ހޭންޑްލިންގެ ކަންކަން ކުރިއަށް ދާ ގޮތް އެ ކުދިންނަށް ވަނީ ދައްކާލާފައެވެ. އަދި އެއާޕޯޓު އެމަޖެންސީ އެމަޖެންސީ ސްޓޭޝަންއަށް ގޮސް އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމު މަސައްކަތް ކުރާ ގޮތް ވެސް އެ ކުދިންނަށް ވަނީ އޮޅުންފިލުވައި ދީ، އެއާޕޯޓު ޓުއާ ނިންމާލާފައި ވަނީ ދަރިވަރުންނަށް ހާއްސަ ހަދިޔާތަކެއް ދިނުމަށްފަހުއެވެ.
އެއާޕޯޓް ޓުއާގެ އިތުރުން އެމްއޭސީއެލުން ކުރިއަށް ގެންދިޔަ ފަންޑް ރައިޒިން އިނވެންޓަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައިކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ފަންޑް ރައިޒިން އިވެންޓުގައި އެމްއޭއޭއަށް އެއާޕޯޓުގެ އެކި ފެސިލިޓީސްތަކުގައި މުދާ ވިއްކުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ބޭނުމަކީ އޯޓިޒަމްއާ މެދު އޮންނަ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރަށް އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްތަކަކީ ރާއްޖޭގެ ނާޒުކު މުޖުތަމައުތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށާއި އެ ކުންފުނިން މަސައްކަތް އެފަދަ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށެވެ.