ތޯލިބާނުން ކުރި ވަރުގަދަ ހަނގުރާމައިގައި 2021 ގައި ކާބުލް ހިފި ވަގުތު، ގައުމު ދޫކޮށް ދާން އުޅުނު މީހުންނަށް އަމާޒުކޮށް ކާބުލް އެއާޕީޓުގައި ބޮމެއް ގޮއްވާލުމުގެ އަޑީގައި ހުރި އައިއެސްގެ ލީޑަރު ތޯލިބާނުން މަރާލައިފިއެވެ.

އެ ހަމަލާގައި އާންމުންގެ 170 މީހަކާއި އެމެރިކާ ސިފައިންގެ 13 މީހަކު މަރުވިއެވެ.

މަރުވި އައިއެސްގެ ލީޑަރުގެ ނަން ހާމަ ނުކޮށް އެމެރިކާގެ އޮފިޝަލުން ބުނީ، އޭނާ މަރާލިތާ ހަފްތާތަކެއް ވެއްޖެ ކަމަަށާއި އެކަން ހާމަ ނުކޮށް ދިގުލައިގެން ދިޔައީ އެއީ އެ ލީޑަރުތޯ ޔަގީން ކުރުމަށް ކަމަށެވެ. އިތުރަށް ބުނީ، އިންޓެލިޖެންސް މައުލޫމާތާއި އައިއެސް ގެ މީހުން ހަރަކާތްތެރިވާ ސަރަހައްދުތައް ބަލާ މޮނިޓާ ކުރުމުން އެކަން ޔަގީން ވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެ ބުނާ ލީޑަރު، އެ ހަމަލާ އާ ގުޅޭ ގޮތެއް ބުނެފައެއް ނުވެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީބީއެސް ނިއުސް އާއި ނިއުޔޯކް ޓައިމްސް އިން ބުނީ، މަރާލެވުނު ލީޑަރަކީ، އެ ބޮން ގޮއްވާލުމުގެ މޭސްތިރިޔާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެމެރިކާއިން ވަނީ އޭނާގެ މަރުގެ މައުލޫމާތު މަރުވި އެމެރިކާ ސިފައިންގެ އާއިލާތަކަށް ދީފައެވެ.

2021 ވަނަ އަހަރު ހިނގި އެ ހާދިސާގައި ބޮން ގޮއްވާލުމުގެ ކުރިން، ހުޅަނގުގެ ޖާސޫސީ އިދާރާތަކުން އޮތީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އެލާޓްވެސް ކޮށްފައެވެ. ނަމަވެސް މީހުންގަނޑު ސަލާމަތްވާން އެއާޕޯޓު ތެރޭގައި ދުވަމުން ދިޔަ އިރު، އެއް ބަޔަކު ދިޔައީ އެވަގުތު ރަންވޭ މަތީގައި އޮތް އެމެރިކާގެ އަސްކަރީ ފްލައިޓަށް އަރަމުންނެވެ. ގިނަ ބަޔަކު އެއްފަހަރާ ފްލައިޓަށް އަރަން ދިމާ ކުރުމުން، ބޯޓު ފުރި އިރު ބައެއް މީހުން ފިޔަގަނޑާއި ފުރޮޅު ދަނގަޅުގައި އެލިގެންވެސް ތިއްބެއެވެ. ބޮން ގޮއްވާލި އިރުވެސް ގޭޓުގައި މީހުންގަނޑު އޮތީ ތޮއްޖެހިފައެވެ.

މި ހާދިސާއަށް ފަހު އެމެރިކާއިން އޮތީ އައިސިސް-ކޭ ލީޑަރު (އަފްގާނިސްތާންގެ އައިސިސް ބްރާންޗް) ސަނާއުއްލޯ ގަފަރީ އާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 8 މިލިއަން އެމެރިކާ ޑޮލަރުވެސް ހުށަހަޅާފައެވެ.

އަފްގާނިސްތާން ދޫކޮށް އެމެރިކާ ސިފައިން ރަސްމީކޮށް ފައިބާފައި ވަނީ އޮގަސްޓް 2021 ގައި ނަމަވެސް އަދިވެސް އެމެރިކާގެ ޖާޖޫސުން އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދެއެވެ.