މޫސުން ގޯސްވެ މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް މޫސުމާ ބެހާ ގައުމީ އިދާރާ އިން ރީނދޫ އެލާޓު ނެރެފިއެވެ.

ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައި ވަނީ ކ އަތޮޅުން ފެށިގެން މ އަތޮޅަށެވެ. އެއީ މިރޭ 08:05 އިން ދަންވަރު 01:00ގެ ނިޔަލަށެވެ.

މެތް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ވަގުތުތަކުގައި ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެދު ރާއްޖޭތެރޭގެ އިތުރުން ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މާލެ ސަރަހައްދަށް ވިއްސާރަވާން ފަށާއި މިވަނީ އާދަޔާއި ހިލާފަށް ހޫނުމިން މައްޗަށް ގޮސްފައިވާ ދުވަސްވަރެއް ގައެވެ. މިގޮތުން ސްޓެލްކޯއިން ވަނީ މިއަދު މެންދުރު ފަހު 2:10 ގައި ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރައި، މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖު ޕަވަ ޔޫސޭޖު ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ކަރަންޓް އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ހޫނުމިން އިއްޔެ ވަނީ 44 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައެވެ.