ވ.ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން ވަނީ ވީދާލާފައެވެ. މި ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ރަށު މިސްކިތުގައި އޮތް 10 ވަރަކަށް ހަތިމު ވީދައިލައިފައި ވެއެވެ. އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ އަނެއްކާ ވެސް އެ ރަށު މިސްކިތުގައި އޮތް 20 ވަރަކަށް ހަތިމު ވަނީ ވީދާލާފައެވެ.

ކޮންމެ ހަތިމަކުންވެސް 6 ގަނޑު ވަރު ވީދާލާފައި ވާއިރު ހާތިމުތައް ވީދަނީ ކާކުކަން އަދި ހޯދިފައި ނުވާކަމަށް ކެޔޮދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މިކަމާ ގުޅިގެން މި ވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.