އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އައި އިރު، އެ ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރެއްގެ ދިރުން ކަމަށާއި އެ ގޮތްޕާ ގުޅުނު މެންބަރުންނަކީ ވިހަ ބައެއްގެ ގޮތުގައި މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ސިފަކުރައްވައިފިއެވެ.
ފިކުރެެގެ ދިރުމާ ގުޅިވަޑައިގެން އެމްޑީޕީގެ މެންބަރުންނަކީ ވިހަގަދަ ބައެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝަރީފް ވިދާޅުވީ އެ މީހުން ވާހަކަ ދައްކަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އުފެދެމުން އަންނަނީ ނަފްރަތު ކަމަށާއި އެއީ ޕާޓީ ތެރޭގައި ފެތެރުމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަމަށެވެ.
އެމީހުން ޕާޓީ ތެރޭގައި ރުޅިވެރިކަމާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށާއި އެ ނުބައި ވައިރަސް ފޮހެލެއްވުމަށް ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒު ހާސިލް ކުރުމަށް ރައީސް ސޯލިހް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އިރު ޕާޓީ ބައިބައި ކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓުވަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ސިޔާސީ މައިދާނުގައި ކަންކަން ވާންވީ ގޮތް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. ދެބަސްވާން ޖެހޭ ހާލަތެއް އަތުވެއްޖެ ހިނދެއްގައި ނަފްރަތު އުފައްދައި އަދި ހުރިހާ އެއްޗެއް ފުނޑާލުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ފިކުރެއްގެ ދިރުން އުފައްދައިގެން ކުރިއަށް ގެންދަނީ މުޅި އެމްޑީޕީ މުގުރާލުމުގެ ނިޔަތުގައި ކަަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ނަފްރަތު އުފައްދައިގެން ހިންގާ ޕޮލިޓިކްސްއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ޕާޓީ އާއި ގައުމުގެ ސަލާމާތް ކުރުމަށް އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހައްދަވާފައެވެ. 'ފިކުރެއްގެ ދިރުން' ގޮތްޕާއެކު އެ ގޮތްޕަށް ތާއީދު ކުރެއްވި މެންބަރުންނާއެކު ނަޝީދު ވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަޅިއަށް އަރުއްވަން މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އައި މި ދުވަސްވަރު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބާ ދިމާކޮށް އެމްޑީޕިއާ ދެކޮޅަށް ފިކުރެއްގެ ފިރުމުގެ ބޭފުޅުން އެންޓި ކެމްޕެއިން ކުރައްވަމުން ގެންދެވި ކަމުގެ ތުހުމަތު އެމްޑީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުރައްވާފައެވެ.
ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށާއި ގަސްތުގައި ޕާޓީ ފުނޑުފުނޑުކޮށްލުމަށް ކުރަމުންދާ މަސައްކަތް އިރާދަކުރެއްވިޔާ ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ. އިހްތިރާމް ކުރުމުގެ ގޮތުން ވެސް ބެލޭނީ ވަކި ހިސާބަކަށް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.