މާލެ ސިޓީ ކައުންސިލް އާ ގުޅިގެން އުރީދޫން ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި އީދު ސައެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ގަނެވޭނެ ކަމަށެވެ.

މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫން އީދު ސައެއް ދޭން ނިންމާފައި ވާއިރު މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު 'ކޮމިއުނިޓީ އިފްތާރު' ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އުރީދޫން ވަނީ ބޮޑު ރޯދަ ވީއްލުމެއް ދީފައެވެ. މި ހަރަކާތް ވެސް ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ބާއްވަމުން ދާއިރު މި ހަރާކަތަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

'ކޮމިއުނިޓީ އިފްތާރު' އަކީ މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތަކެވެ.

މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ބިދޭސީންނަށް ހާއްސަކޮށް ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް އުރީދޫން ވަނީ ހަމަޖައްސާފައެވެ.