1444 ވަނަ އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށްގެންދިޔަ އިހްޔާ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކުގެ ނަންބަރުތައް އިއުލާންކޮށްފިއެވެ.

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

މި ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކާއި ލިބުނު އިނާމުތަކަކީ:

  • 1 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 4258 – ސްޓެލްކޯއިން ސްޕޮންސާކޮށްފައިވާ އުމްރާ ދަތުރެއް.
  • 2 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 1961 - އުރީދޫއިން ސްޕޮންސާކޮށްފައިވާ S21ގެ ސްމާޓް ފޯނެއް.
  • 3 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 496 - ރެއިންބޯއިން ސްޕޮންސާ ކޮށްފައިވާ ސޯފާ ސެޓެއް.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ފޯރަމްތަކުގައި މުޅިން އަލަށް ދަރިވަރުންނަށް ހާއްސަކޮށްގެން ވަނީ އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަރަބިއްޔާ ސްކޫލާއި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހިމެނޭހެން ހަތަރު ސްކޫލަކުން ވަނީ މި ފޯރަމްތަކުގައި ބައިވެރިވެފަ އެވެ. އަދި އެންމެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ސްކޫލަކަށް ހޮވިފައިވަނީ ސީއެޗްއެސްއީ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އަތޮޅު ތެރެ ހިމެނޭހެން ޖުމްލަ 20 އިހްޔާ ފޯރަމްތައް ވަނީ ބާއްވާފައެވެ. އަތޮޅު ތެރޭގައި ބޭއްވި އިހްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުލުން ނަގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު، ފުވައްމުލަކު ސިޓީގައި ބޭއްވި ފޯރަމްގައެވެ.

އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އެފަރާތްތަކަށް މިނިސްޓަރު، އަލީ ޒާހިރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.