ފެނަކަ އާއިލީ 08 ވަނަ ގުރުއާން މުބާރާތުގެ ވަނަތައް ހާސިލް ކުރި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ދީފިއެވެ.

ފެނަކައިގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ކޮންމެ ރަމަޟާން މަހަކުވެސް ބާއްވަމުން އަންނަ "ފެނަކަ އާއިލީ ގުރުއާން މުބާރާތް" ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ޖުމްލަ 78 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި އުމުރުފުރާތަކުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ އަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެެވެ.

މީގެ އިތުރުންވެސް ފައިސާގެ އިނާމު ތަކާއެކު މުޅި މުބާރާތުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ ވަނީ ހޮވާފައެވެ. އެގޮތުން މުޅި މުބާރާތުން 01 ވަނަ އަށް 15،000 ރުފިޔާ، 02 ވަނަ އަށް 10،000 ރުފިޔާ އަދި 03 ވަނަ އަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.

މުޅި މުބާރާތުން ވަނަ ހޯދި ބައިވެރިންނަކީ:

  • މުޅި މުބާރާތުން ފަހުރު ވެރި އެއްވަނަ: އިލްޔާސައު މުހައްމަދު ޝަހީމް
  • މުޅި މުބާރާތުން ދެވަނަ: އަމީން ފަޒީލް
  • މުޅި މުބާރާތުން ތިންވަނަ: އާމިނަތު އީޝަލް ބިންތު އުޝާން

2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު ސައީދުގެ އިސްނެންގެވުމުގެ މަތިން އެ ކުންފުނީގެ ރިކްރިއޭޝަން ކުލަބް އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފެށާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުއެވެ. މިއަހަރުގެ މި މުބާރާތުގައިވެސް ރާއްޖޭގެ 3 ސަރަހައްދަކުން ވަނީ ބައިވެރިން ބައިވެރިވެފައެވެ.