މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްއަށް އިންގްލޭންޑްގެ މެންޗެސްޓާ ސިޓީއާއި އިޓަލީގެ އިންޓާ މިލާން ދަތުރުކޮށްފިއެވެ.
ސިޓީ ސެމީއަށް ދިޔައީ ރޭ ޖާމަނީގެ ބަޔާން މިއުނިކްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން 4-1 ގެ އެގްރިގޭޓް ސްކޯއިންނެވެ. ރޭގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުނު އިރު މިދިޔަ ހަފްތާގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީ ވަނީ 3-0 އިން ބަޔާން ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ވެސް ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ސިޓީންނެވެ. އެއީ މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުގެ ފޯވަޑް އާލިންގް ހާލަންޑް ޖަހާ ދިން ލަނޑަކުންނެވެ. މިއީ މިސީޒަންގައި އަލަށް ސިޓީއާ ގުޅުނު ހާލަންޑް ޓީމަށް ޖަހާ ދިން 48 ވަނަ ލަނޑެވެ. އޭނާއަށް މިމެޗުގައި ޕެނަލްޓީއެއް ވެސް ޖަހަން ލިބުނު އިރު ފުރަތަމަ ހާފްގައި ލިބުނު މި ޕެނަލްޓީ ހާލަންޑް ޖެހީ ބޭރަށެވެ.
މެޗުގައި ބަޔާންއިން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް އެޓީމުން މި ޓައިގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރޭގެ މެޗު ނިމެން ކުޑަތަންވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޖޯޝުއާ ކިމިކްއެވެ.
ބަޔާން ކަޓުވާލާ މުބާރާތުގެ ގަދަ 4 އަކަށް ދަތުރުކުރި ސިޓީއަށް ސެމީ ފައިނަލްގައި ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑާއެވެ. މިދިޔަ ސީޒަންގެ މުބާރާތުގެ ސެމީގެ އެއް ފަރާތުން މި ދެޓީމު ވާދަކުރި އިރު އެފަހަރުގެ ޓައި 6-5 ގެ ކުޑަ ފަރަގަކުން ކާމިޔާބުކުރީ ރިއާލްއެވެ.
ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ހަތަރު ވަނަ މެޗު ވެސް ކުޅުނު އިރު ޕޯޗުގަލްގެ ބެންފީކާ ކަޓުވާލާ އިޓަލީގެ އިންޓާ މިލާން މިވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ރޭ އިންޓާގެ ދަނޑުގައި ކުޅުނު މެޗު 3-3 އިން އެއް ވަރުވި ނަމަވެސް އިންޓާ މި ޓައި ކާމިޔާބުކުރީ 5-3 ގެ އެގްރިގެޓް ސްކޯއަކުންނެވެ. އެއީ މިދިޔަ ހަފްތާގައި ބެންފީކާގެ ދަނޑުގައި ކުޅުނު މެޗު އިންޓާއިން 2-0 އިން ކާމިޔާބުކުރުމުންނެވެ.
ސެމީގައި އިންޓާ ވާދަކުރަން ޖެހޭނީ އެޓީމުގެ އެންމެ ވާދަވެރި ކްލަބް ކަމަށްވާ އިޓަލީގެ އޭސީ މިލާނާއެވެ. އެއް ރަށެއްގެ ދެ ޓީމު ކަމަށްވާ އޭސީ މިލާންއާއި އިންޓާ މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރީ 2005 ވަނަ އަހަރެވެ. އެމެޗު 3-0 އިން ކާމިޔާބުކުރީ އޭސީ މިލާންއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ މޭއި މަހުގެ ތެރޭގައެވެ.