މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އާދަމް ރަމީޒް، ޕީޕީއެމް އިން އިސްތިއުފާ ދެއްވައިފިއެވެ.

ޕާޓީން ވަކިވުމަށް ރަމީޒް ފޮނުއްވި ސިޓީ މިހާރު ސޯޝަލް މީޑިއާގައި ދައުރު ވަމުން ދާއިރު، އެ ސިޓީ ގައި ވަނީ، "މިވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުގެ ސަބަބުން ޕާޓީން ކެނޑުމަށް އަޅުގަނޑު ނިންމާފައި ވާތީ ތިޔަ ޕާޓީގެ ދަފުތަރުން އަޅުގަނޑުގެ ނަން ވަކިކޮށް ދެއްވުން އެދެމެވެ."

އިދިކޮޅު ޕީޕީއެމުން ރަމީޒް އިސްތިއުފާ ދެއްވިއިރު އޭނާގެ ސުލޫކީ މައްސަލައެއް ދަނީ އެޕާޓިީން ބަލަމުންނެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަން ކުރައްވަމުން ގެންދަވާ އަދި ޕީޕީއެމްގެ ނައިބު ރައީސް، ޑރ. މުހައްމަދު މުއިއްޒަށް އޭނާ ކެމްޕެއިން ކޮށްދެއްވާ ކަމަށް ތުހުމަތުކޮށެވެ. ބައެއް މަސްދަރު ތަކުން އެނގިފައިވާ ގޮތުން މި މައްސަލަ ބަލަމުންދަނީ ޔާމީންގެ އެންގެވުމުގެ މަތިންނެވެ.

ޕީޕީއެމް ސެނެޓުގެ ވެސް މެންބަރުކަން ކުރައްވަމުން ގެންދަވާ ރަމީޒްގެ މައްސަލައިގައި އޭނާ އަށް ދެކޮޅަށް ހެކިބަސް ދެއްވުމަށް ހުޅުމާލޭ ދާއިރާގެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުންނެވި ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ވަނީ އެ ޕާޓީން ދޮގުކޮށްފައެވެ. އެކަން ދޮގު ކުރައްވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ "އެއީ ރަނގަޅު ވާހަކެއް ނޫން ކަމަށާއި ޝިޔާމް އަދި ޝުޖާއު އެއްވެސް ކޮމިޓީ އަކަށް ހެކިބަސް ދޭކަށް ނެތް" ކަމަށެވެ.

ރަމީޒް އަކީ މީގެ ކުރިން އެމްއެންޑީއެފްގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭރު އަދާ ކުރައްވަމުން ގެންދެވީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ މަގާމެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރު، އަބްދުﷲ ޔާމީން ކަމަށް ޕާޓީގެ އިސް ލީޑަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ޔާމީން މި ވަގުތު ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ހަ މަސް ދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު މި މަހުގެ 11 ވަނަ ދުވަހު ހައި ކޯޓުންވަނީ ބާތިލު ކޮށްފައެވެ.

އަދި ޔާމީންގެ ވަކީލުން ޔާމީން ޖަލަށް ލާން ކުރި ހުކުމް ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އިސްތިއުނާފު ބަލާގެންފައެވެ.