މި ސީޒަންގެ ޗެމްޕިއަންސްގެ ލީގުގެ ސެމީ ފައިނަލް އަށް ސްޕެއިންގެ ރިއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާން ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރިއާލް ސެމީއަށް ދިޔައީ ދެ ލެގްގެ މަތިން އިންގްލޭންޑްގެ ޗެލްސީ 4-0 ގެ އެގްރިގެޓް ސްކޯއަކުން ބަލިކޮށްގެންނެވެ. މިދިޔަ ހަފްތާގައި ރިއާލްގެ ދަނޑުގައި ކުޅުނު މެޗު 2-0 އިން ރިއާލް ކާމިޔާބުކުރި އިރު ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުވެސް އެޓީމު ކާމިޔާބުކުރީ ހަމަ މި ސްކޯއިންނެވެ.

ރިއާލްގެ ދެލަނޑު ޖަހާ ދިން ރޮޑްރީގޯ/ފޮޓޯ: ރިއާލް ޓުވިޓާ

މެޗުގައި ރިއާލްއިން ޖެހި ދެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯއެވެ. ރޮޑްރީގޯގެ ދެ ލަނޑު ވެސް މެޗުގެ ދެވަނަ ހާފްގައި ފެނިގެން ދިޔަ އިރު ފުރަތަމަ ލަނޑު އޭނާ ޖެހީ މެޗުގެ 50 ވަނަ މިނެޓްގައެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް މެޗުގެ 80 ވަނަ މިނެޓްގައި ރޮޑްރީގޯ ވަނީ ރިއާލްގެ ދެވަނަ ލަނޑު ޖަހާ ދީފައެވެ.

ގަދަ 16 ގައި އިންގްލޭންޑްގެ ލިވަޕޫލް ބަލިކޮށް ކުއާޓާގައި ޗެލްސީ ބަލިކޮށްފައިވާ ރިއާލްއަށް ސެމީގައި ވެސް އިންގްލޭންޑްގެ ކްލަބަކާ ކުޅެން ޖެހިދާނެއެވެ. މިގޮތުން ރިއާލް ސެމީގައި ވާދަކުރާނީ މިރޭ އިންގްލޭންޑްގެ މެންޗެސްޓާ ސިޓީއާއި ޖާމަނީގެ ބަޔާން މިއުނިކްއާ ދެމެދު ކުޅޭ ޓައިން ކުރި ހޯދާ ބަޔަކާއެވެ.

ރޭ ރިއާލް އަނެއްކާ ސެމީއަށް ދިޔަ އިރު 16 އަހަރަށް ފަހު އިޓަލީގެ އޭސީ މިލާން މިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 4 އަކަށް ދަތުރުކޮށްފައެވެ. އޭސީ މިލާން ސެމީއަށް ދިޔައީ އިޓަލީގެ ނަޕޮލީ 2-1ގެ އެގްރިގޭޓް ސްކޯއަކުން ބަލިކޮށްގެންނެވެ.

މިދިޔަ ހަފްތާގައި އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން އެޓީމު ކާމިޔާބުކުރި އިރު ރޭ ނަޕޮލީގެ ދަނޑުގައި ކުޅުނު މެޗުވީ 1-1 އެއްވަރެވެ.

މިމެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ އޭސީ މިލާނުންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި ޖެހި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އޮލިވިއޭ ޖިރޫއެވެ.

އޭސީ މިލާންގެ ލަނޑު އެސިސްޓް ކުރި ލިއާއޯ އާއި ލަނޑު ޖެހި ޖިރޫ/ފޮޓޯ: އޭސީ މިލާން

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ނަޕޮލީއަށް ފުރުސަތު ލިބުނު ނަމަވެސް އެޓީމަށް ލިބުނު ޕެނަލްޓީއެއް ވަނީ އޭސީ މިލާންގެ ކީޕަރު ސޭވްކޮށްފައެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނަޕޮލީއިން ލަނޑެއް ޖެހި ނަމަވެސް ދެވަނަ ލަނޑެއް ޖަހާނެ ވަގުތު ނުލިބު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ސެމީގައި އޭސީ މިލާން ވާދަކުރާނީ ޕޯޗުގަލްގެ ބެންފީކާއާއި އިޓަލީގެ އިންޓާގެ ތެރެއިން ޓައި ކާމިޔާބުކުރާ ޓީމާއެވެ.