އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހުގެރީތި ކުލަތަކާއެކު އޮއްސި، ހަނދު އޭގެ އުޖާލާކަން ދުނިޔެ މައްޗަށް ދައްކާލައިފިއެވެ. ފަލަކުގައި ހަނދު ރަނިކަން ކުރާއިރު ވަށައިގެންވާ ތަރިތައް ބަބުޅަމުންދިޔައެވެ. އަހަރެން އިނީ އަތިރިމަތީ އިން އައްޓެއްގައި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަލްޔާ އާއެކުގައެވެ. ދެމީހުން ވެސް ތިބީ އޮލަ ވާހަކައެއްގައެވެ. ވަގުތުދިޔަގޮސް ވެސް ނޭންގެއެވެ. ގަޑީގެ ރޭކާއެއްވެސް ލީ އަހަރެންގެ މަންމަ އަހަރެންގެ ފޯނަން ގުޅަން ފެށީމައެވެ.

"ދެން އުޅޭ ގެއަށް އަންނަން، މާދަމާ ހެންދުނު ފުރާއިރު ފޮއްޓަށް އެއްޗެހި ވެސް އަޅަންޖެހޭނޭނުން، މިހާރު ގަޑިން އެއޮށް ނުވައެއް ޖެހީ، އާދޭދެން" މަންމަ ބުންޏެވެ.

ފޯނު ބޭއްވުމަށް ފަހު އަހަރެން އަލްޔާގެ މޫނު މައްޗަށް ބަލާލީމެއެވެ. އަލްޔާގެ މޫނު މަތިން ފެނުނީ މާޔޫސްކަމެވެ. ވާނީވެސް އެހެންތާއެވެ. އަހަންނާއި އަލްޔާއަކީ ގްރޭޑް 1 އަކުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިންނެވެ. އުމުރުން މިހާރު 20 އަހަރު ވެފައިވާއިރު އަލްޔާ އާ ވަކިން ރަށުން ބޭރަށް މިދަނީ އަދި ފުރަތަމަ ފަހަރަށެވެ.

"އަވަހަށް އަންނައްޗޭ، މާވީ ނެތިއްޔާ ވަރަށް ފޫހިވާނެ، އެކުގައި ބޭރަށް ނިކުންނާނެ މީހެއް ވެސް ނުހުންނާނެ" އަލްޔާ އެވަގުތު އަހަރެން ކައިރި ބުންޏެވެ.

"ވަރަށް އަވަހަށް އަންނާނަން، މިކަހަލަ ފުރުސަތެއް ފަސޭހައިން ނުލިބޭނެ ރާއްޖޭން ބޭރަށް ދާކަށް، ލަންޑަށް ދާން މިލިބުނީ އޮފީހުގެ ފަރާތުން ތަމްރީނު ޕްރޮގުރާމެއްގަ ބައިވެރިވާން" އަހަރެން އަލީނާ ކައިރީގައި މިހެން ބުނުމަށްފަހު ގެއާ ދިމާއަށް ހިނގައިގަތީމެވެ.

ގެއަށް އައިއިރު މަންމަ ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަހަރެން ގެއަށް ނައިސްގެންނެވެ. ގޭގައި އުޅެނީ އަހަންނާއި އަހަރެންގެ މަންމައެވެ. ބައްޕަ ވަނީ އަހަރެންގެ އުމުރުން 9 އަހަރުގައި ނިޔާވެފައެވެ.

އަހަރެން ގެއަށް ވަދުމާއެކު މަންމަ އަހަރެން ކައިރީގައި އެއްޗެއް ކައިގެން އަވަހަށް ފޮއްޓަށް އެއްޗެހި އަޅަން ބުންޏެވެ. ދެމައިން ކެއުމަށްފަހު ފޮއްޓަށް އެއްޗެހި އަޅަން އަވަސްވެގަތީމެވެ. މާދަމާ ހެނދުނު 9 ޖަހާއިރު މާލެ ދާ ފްލައިޓު ފުރާނެއެވެ. އޭގެ ކުރިން އަތޮޅުގައި އެއާޕޯޓު އޮންނަ ރަށް ކަމަށްވާ ހދ. ހަނިމާދޫއަށް ރަށު ފެރީން ދާންޖެހޭނެއެވެ.

މިރޭ މަންމަ ވަރަށް ބަސް މަދެވެ. އެހެންޏާ އަބަދު އަނގަތަޅާލަ ހުންނަ މީހާ މިރޭ ހުރީ ހަމަހިމާނުންނެވެ.

"މަންމާ، މަންމަ އެވަރަށް ކިޔާތީ މިދަނީ ވެސް މި ދަތުރު، މަންމަ އެންނު ބުނީ، ތިކަހަލަ ފުރުސަތެއް ލިބޭނީ ވަރަށް މަދުންނޭ، އެހެން ކިޔާފަ މަންމަ ތިހުންނަނީ ދެރަވެފަ" އަހަރެން މަންމަ ކައިރީގައި މިހެން ބުނީމެއެވެ.

މަންމަ އެއްޗެއް ނުބުނެއެވެ. ފޮއްޓަށް އެއްޗެހި އެޅުމަށްފަހު އަހަރެން ނިދަން އޮށޯތީމެއެވެ. ހޭލެވުނީ ގަޑިން 6 ޖެހިއިރުއެވެ. އަވަހަށް ތައްޔާރުވެލައިގެން މަންމައާ ދެމީހުން އަތިރިމައްޗަށް ނިކުންއިރު އަލްޔާ ވެސް އެތާ ހުއްޓެވެ. އޭގެ ތަންކޮޅެއް ދުރުގައި އަހަރެން ލޯބިވެރިޔާ އީސަ ހުއްޓެވެ. އީސައާ އަހަރެން ރައްޓެހިވީ ގްރޭޑް 8ގައެވެ. އޭރުންސުރެ މިގުޅުމަށް ބަދަލެއް ނާދެއެވެ. އީސަ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. ރިސޯޓަށް ދިއުމުގެ ބަދަލުގައި ރަށުގައި މަސައްކަރްކުރަނީ ވެސް އަހަންނާ ދުރުގަ ހުންނަން ބޭނުން ނުވާތީއެވެ. އަންނަ އަހަރު ދެމީހުން ކައިވެނިކުރަން ނިންމާފައިވާއިރު މިކައިވެންޏަށް ދެ އާއިލާއިން ވެސް ރުހި ގަބޫލެވެ. އަހަރެންގެ މިދަތުރު ދާން އުޅޭތީ އީސަ ހުރީ ވަރަށް އުފާވެފައެވެ. އެހާބޮޑު ފުރުސަތެއް އަހަންނަށް ލިބުނީމައެވެ.

އަތިރިމަތީގައި ހުރި އީސަ ކައިރީގައި އަހަރެން މަޑުކޮށްލީމެވެ. " ވަރަށް މިސްވާނެ، އަވަހަށް އަންނައްޗޭ، ބަލައިގެން އުޅޭތި" އީސަ ބުންޏެވެ. ފެރީ ފުރާގަޑި ޖެހުމާއެކު އަހަރެން އެންމެނާ ސަލާންކޮށްލުމަށްފަހު އެދަތުރު ފެށީމެއެވެ.

************************

މާލެ ދެވުނީ މެންދުރުފަހުއެވެ. އޮފީހުގެ ފަރާތުން ހަމައްސާފައި ހުރި ގެސްޓު ހައުސްގައި އަހަރެން އަދި އޮފީހުގެ އިތުރު 2 މީހަކު މަޑުކުރީމެއެވެ. މާދަމާއަކީ އަހަރެން ލަންޑަނަށް ފުރާ ދުވަހެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

ލަންޑަށް ފްލައިޓް ޖެއްސުމާއެކު އެންމެން ވެސް އަވަސްވެގަތީ، އަވަހަށް އަހަރެމެން ތިބޭ ލޮޓެލްއަށް ދެވޭތޯއެވެ. ކާރުގައި ހޮޓަލަށް ދެވޭނީ 6 ގަޑިއިރުންނެވެ. އެންމެން ވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. ކާރުގައި އަހަންނަށް ނިދި ޖެހުނުގޮސް ވެސް ނެނގުނެވެ. އަހަންނަށް ނިދިން ހޭލެވުނީ ކާރު ޑަރައިވަރުގެ ފޯނަށް ފޯނެއް އަންނަން ފެށުމުންނެވެ. އެވަގުތު ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ކުއްލިއަކަށް ޑްރައިވަރު އަތުން ކާރު ކޮންޓުރޯލުންނައްޓާ ކާރުގޮސް ބޮޑު ޓްރަކެއްގައި ޖެހި އެކްސިޑެންޓުވިއެވެ.

އަހަންނަށް ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ލޯހުޅުވެނީ ކިރިޔާއެވެ. މީހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާތަން ފެނެއެވެ. ނަމަވެސް ވާނުވާއެއް ނޭންގެއެވެ. އަހަރެންގެ ލޯ މެރުނެވެ.

**************************

އަހަންނަށް ލޯ ހުޅުވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. އަހަންނަށް ހޭއެރުމާއެކު ޑޮކްޓަރުންނާއި ނަރުހުން އަވަހަށް އަހަރެން ކައިރިއަށް އައެވެ. އެމީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ހައު އާ ޔޫ، ސްޓްރޯންގް ގާސް" އެތާހުރި ޑޮކްޓަރު އެހިއެވެ. އަދި ނަރުހުން ކައިރި އަހަރެންގެ ޓެސްޓުތަކެއް ހެދުމަށް ބުނުމަށްފަހު އެތަނުން ދިޔައެވެ. އަހަރެންގެ ގަޔަކު އިނގިއްޔެއް ގުޑުވާލާނެހާވެސް ވަރެއް ނެތެވެ.

"ވަޓްސް ޔުއާ ނޭމް" އެތަނުގައި ހުރި ނަރުސް ކުއްޖާ ސުވާލުކުރިއެވެ. އަހަރެން އެނަރުސް ކުއްޖާ ކައިރީގައި އަހަރެންގެ ނަން ބުނުމަށްފަހު އަހަރެން މި ހޮސްޕިޓަލުގައި އޮންނަތާ ކިހާއިރެއް ވިތޯ ސުވާލު ކުރީމެވެ. އަދި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި ތިބި އަހަންނާއެކު ލަންޑަނަށް އައި ރަހުމަތްތެރިންގެ ވާހަކަ އެހީމެވެ.

ނަރުސް ކުއްޖާ އަހަންނަށް ދިން ޖަވާބުން އަހަންނަށް ލިބުނީ ޝޮކެކެވެ. ނަރުސް ކުއްޖާ ބުނިގޮތުގައި އަހަރެން މި ހޮސްޕިޓަލުގައި އޮންނަތާ 3 އަހަރު ވެއްޖެއެވެ. އެކްސިޑެންޓުގައި އެހޮސްޕިޓަލަށް ގެންދިޔައީ އަހަރެން އެކަނި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މި އެކްސިޑެންޓުގައި ކާރު އެއްކޮށް ގޮވުމުގެ ސަބަބުން އަހަރެން މިއީ ކޮން ގައުމެއްގެ، ކާކު ކަން ނޭންގޭ ކަމަށް ވެސް ނަރުސް ކުއްޖާ ބުންޏެވެ. ނަރުސް ކުއްޖާގެ ވާހަކަތައް ނިމުނީއެއް ނޫނެވެ. އެކްސިޑެންޓުގައި އަހަރެންގެ މޫނު ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އަހަރެންގެ މޫނު ވަނީ ސާޖަރީކޮށްފައެވެ. އަހަރެންގެ ސިފަ ވެސް މުޅިން ތަފާތެވެ.

އެވާހަކަތައް އަޑުއަހާ އަހަންނަށް ފުރަތަމަ ވެސް ހަނދާނަށް އައީ މަންމަ މަތިންނެވެ. މަންމަ އަހަރެން ހޯދާނެއެވެ. މަންމަ އަހަރެން ނުލައި 3 އަހަރު އުޅޭނީ ކިހިނެތްބާއެވެ. މަންމަގެ ނަންބަރަށް ގުޅި ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. އީސަ އަދި އަލްޔާގެ ނަންބަރު ވަނީ ބަދަލުވެފައެވެ. އަހަންނަށް އެއިން އެކަކާ ވެސް ވާހަކަދެއްކޭނެ ގޮތެއް ނުވިއެވެ.

އަހަންނަށް ފަރުވާ ދިނުމަށް ރެއާ ދުވާލު ޑޮކްޓަރުންނާ ނަރުހުން މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން ވެސް އަހަންނަށް އެންމެ އެހީތެރިވެދިނީ ޑޮކްޓަރު ކެވިންއެވެ. އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ 1 މަސް ފަހުންނެވެ. އަހަންނަށް މިހާރު އަމިއްލައަށް އުޅެވޭ ވަރުއެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި އަހަންނާއި ޑރ. ކެވިން ދެމެދު ވަރަށް ގާތް ރަހުމަތްތެރިކަން އުފެދުނެވެ. އަހަރެން ރާއްޖެ އާދެވެންދެން ވެސް މަޑުކުރީ ކެވިންގެ ގޭގައެވެ. އޭނާ ވަރަށް ލޯބި ކުއްޖަކު ކުރިން ހުރި ކަމަށް ވެއެވެ. ނަމަވެސް އެވާހަކަތައް ކެވިން އަހަންނަށް ހިއްސާއެއް ނުކުރެއެވެ.

**********************

އަހަރެން ރާއްޖެ އައީ ވަރަށް އުންމީދު ތަކަކާއެކުއެވެ. ހަނިމާދޫ އެއާޕޯޓުން ލޯންޗުގައި ރަށަށް އައިއިރުވެސް އަހަރެން ހިތަށް އަރަމުން ދިޔައީ މަންމަ އަހަރެން ފެނުމުން ވާނެ އުފަލާވެދުއެވެ. ހަނިމާދޫއިން ލޯންޗުން ދަތުރުކޮށްފައި އައިއިރު އެލޯންޗުގައި ރަށު މީހުން ތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް އަހަރެން ފާހަގަކުރަން ނޭންގުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެން މިއީ ކުރިން ފެނުނު މާވީއެއް ނޫނެއެވެ.

(ނުނިމޭ)