އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނީ މިރޭގެ ނިޔަލަށް ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ، ގޭގައި ތިބެގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް މިރޭ 11:59 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އުރީދޫ އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕްގެ އެމްފައިސާ އެކައުންޓުން ލޮގިން ވުމަށް ފަހު ފިތުރު ޒަކާތަށް ކުލިކް ކުރުމުން ލިބޭ ފޯމް ފުރާށެވެ. އެއަށްއަށް ފަހު ޒަކާތް ދެއްކުމަށް ބޭނުންވާ ބާވަތް ޖަހާ ޕްރޮސެސް ކުރާށެވެ. ފައިސާ ފޮނުވުމަށް އޯޕީޓީ ނަންބަރު ޖަހާށެވެ. ފައިސާ ޖަމާވުމުން މެސެޖެއް ލިބޭނެއެވެ.

ޒަކާތުގެ އިތުރުން، މި ރޯދަ މަހު އުރީދޫ އިން މިޝަން ފޮ މައިގްރަންޓް ވޯކާސް އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވިއްލުމެއް ހަދިޔާ ކުރެވޭނެ ގޮތްވެސް ފަހި ކޮށްދީފައިވާ ކަމަށް އުރީދޫން ބުނެއެވެ. ރޯދަވިއްލުން ސަދަގާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މާދަމާ އާ ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، ހަދިޔާ ކުރާ އިފްތާރް ޕެކްގެ އަގަކީ 50 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، އެމް-ފައިސާގެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެ ކަމަށެެވެ.

އެމް ފައިސާއަށް ރެޖިސްޓަރީކުރުމަށް އުރީދޫ އެޕް ޑައުންލޯޑްކުރުމަށްފަހު އެމް ފައިސާ ހިޔާރުކޮށް ރެޖިސްޓްރޭޝަންއަށް ފިތާލާނީއެވެ. އަދި މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާނީއެވެ. އަދި ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަވާނެއެވެ.

އުރީދޫން ބުނީ، ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.