ކޮންމެ ވިޔަފާރިއަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން މިއަދުން ފެށިގެން ދެ ރުފިޔާ ނަގަން ފަށައިފިއެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގައެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ފީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ. އަދި ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ފަހު ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުންވެސް ދެ ރުފިޔާގެ ފީއެއް ނަގަންޖެހެއެވެ.

މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ރުފިޔާ ނަގަން ފެށިނަމަވެސް ބައެއް ހާލަތްތަކުގައި ކޮތަޅުން އަގު ނެގުން އިސްތިސްނާވާނެއެވެ. މި ގޮތުން ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅު، ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު، އަދި ޑިއުޓީ ފްރީން ވިއްކާ ކޮތަޅަށް އަގު ނެގުން އިސްތިސްނާވެއެވެ.

މީގެ އިތުރުން، ގަވާއިދުގެ ދަށުން މުދާ ވިއްކަން ބޭނުންވާ ފެންވަރަށް މުދާ ބަންދު ކުރުމަށް އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ޓެކްސްއެއް ނުނަގާނެއެވެ.