އައްޑޫ މީދޫގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާތީ އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލުން ދީފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގައި ވިޔަފާރި ކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވައިދުގެ ދަށުން، ވެއްޔާއި އަކިރި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހަނދާން ކޮށްދީފައެވެ.
އެބަޔާނުގައި އިތުރަށް ބުނީ، މިކަން ހުއްޓުމުވުމަށްޓަކައި ހުޅުމީދޫ ޕޮލިހާއި އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ.
އަދި އެއްވެސް ފަރާތަކުން ގޮނޑުދޮށުން ވެލި ނަގާ ތަން ފެނިއްޖެ ނަމަ ނުވަތަ ވެލި ނަގައި ވިއްކާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ 7789041 ނަމްބަރަށާއި ހުޅުމީދޫ ފުލުހުންގެ ނަންބަރު 9791366 އަށް ގުޅައި ހިއްސާކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ވަނީ މީދޫ އަކީ މިހާރު ވެސް ގިރުމުގެ މައްސަލަ ބޮޑުވެ، ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ސާވޭތަކެއް ކުރަމުން އަންނަ ރަށެއް ކަން ވެސް ފާހަގަކޮށްފައެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނު ބުނާގޮތުން ރަށުގެ ވަކި އިމެއްގެ ތެރެއިން ވެއްޔާ އަކިރި ނެގުމަކީ މަނާކަމެކެވެ. އަދި މިއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައަޅޭ ކަމެކެވެ. ރާއްޖޭގެ ރައްތަކުން އާންމުން ވެލި ނެގުން ހުއްޓާލައި މިހާރު އެކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކާއެވެ.