ރ. އަލިފުށީގެ މަގުތަކުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

އަލިފުށީގެ މަގުތަކުގައި ތާރު އަޅަން އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން، ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު އެއްކޮށް ނިންމާލާ ގޮތަށް ކަމަށް، ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އަލިފުށީގެ 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން
  • ފެން ހިންދާ ނިޒާމެއް ގާއިމްކުރުން
  • މަގުތަކުގައި މަގުބައްތި ޖެހުން

ޕްލޭނިން މިނިސްޓްރީން ބުނީ، އާރުޑީސީ އާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 90.96 މިލިއަން ރުފިޔާ އަށް ކަމަށެވެ.