އީދާ ދިމާކޮށް ފެން ޖެހުމާއި ކުަލަ ޖެހުމަކީ ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ ކަމެކެވެ. މި ކަމަކީ މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކުރަމުން އަންނަ ކަމަކަށް ވާ އިރު، ބައެއް ފަރާތްތަކުން މި ކަމަކީ ހިންދޫންގެ ސަގާފަތް ކޮޕީކޮށް ދިވެހިންގެ ތެރޭގައި ފަތުރަމުން އަންނަ ކަމެއް ކަމުގައި ތުހުމަތު ކުރެއެވެ.
ރާއްޖޭގައި އިހުޒަމާނުއްސުރެ އީދުގައި ފެންކުޅި ކުޅުމުގެ ސަގާފަތަށް ބޮޑު ބަދަލެއް އައިސްފައި ވާއިރު، ބައެއް މީހުންނަށް ކުލަަ ޖެހުމަކީ "އޯކޭ" ކަމެކެވެ. އަނެއް ބަޔަކަށް މިކަން ކަމަކު ނުދެއެވެ. މިކަމަށް ވެސް ހައްލެއް ގެނެސް ދިވެހިންގެ ސަގާފަތް ދިރުވަން ބައެއް މީހުން ބޭނުންވާ އިރު، ގދ. ފިޔޯރީން މިވަނީ ކުލަ ޖެހުން މަނާ ކޮށް ބަޔާނެއް ނެރެފައެވެ.
ގދ. ފިޔޯރީ ކައުންސިލުން ބުނީ، އީދުގައި އެ ރަށުގައި ހިންގާ އެއްވެސް ހަރަކާތަކާ ގުޅުވައިގެން ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. މިފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާ ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާ ކަމެއް ކަމަށް ފާހަގަ ވެފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ފައިޒާރް ރަޝީދު ވިދާޅުވީ، މިދިޔަ އަހަރު ވެސް އެ ރަށުގައި އީދާ ގުޅިގެން ބޭއްވި ހަރަކާތްތަކުގައި ކުލަޖެހުން ވާނީ މަނާކޮށްފައި ކަމަށެވެ. އެ ގޮތުން މިއަހަރުވެސް ފިތުރު އީދާ ގާތްވުމުން އެކަން ހަނދާންކޮށް ދިނުމުގެ ގޮތުން ބަޔާން ނެރެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީދު އަންނަން ކުޑަތަން ވެފައިވާ އިރު، މިހާރު އީދާ ގުޅިގެން ރަށްރަށުގައި އެކި ހަރާކާތްތައް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އެ ގޮތުން ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އީދު ސައި ތައްޔާރު ކުރުމުގެ ގޮތުން އީދާ ދިމާކޮށް ކުޅިވަރުތަކާއި، ކުޑަކުދިންގެ ހަވީރުގެ އިތުރުން މިއުޒިކް ޝޯވް ބޭއްވުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ.
މަނާކުރި މީހަކަން ﷲ رحمة ލައްވާ އިތުރު ކުރައްވާށި جذاكا الله خيرن