ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދަރިންނާ އެކީ ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ގާސިމް އިއްޔެ ފޭސްބުކް ގައި ހިއްސާކުރެއްވި މި ވީޑިއޯ އިން ފެންނަނީ އޭނާގެ ހަތަރު ދަރިން އޭނާ ފެނުމުން އުފަލުން ދުވެފައި އައިސް ބައްދާލާ މަންޒަރެވެ. މި ވީޑިއޯ ނަގާފައި ވަނީ މާމިގިލީ އެއާޕޯޓްގައެވެ. މި ވީޑިއޯއިން ފެނިގެންދަނީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.

އެ ކުދިންނާއެކު ވަޑައިގެން ގާސިމް ލޯންޗަކަށް އަރާވަޑައިގަންނަވާ ތަން ވެސް ވީޑިއޯ އިން ފެނެއެވެ.

https://www.facebook.com/qaasimibrahim/videos/699563422171985/

މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު ވީޑިއޯ އިން އަލީ ރަމީޒް ކިޔާފައިވާ މަދަހަ "ކުޑަކުޑަ ދަރިފުޅު ރޯލުމުން" ވެސް އަޑު އިވެއެވެ. ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ވަރަށް "ލޯބި" ކަމަށް ބުނެ ކޮމެންޓުވެސް ކޮށްފައެވެ.

ދާދި ފަހުން ގާސިމް އިބްރާހިމް ގެންގުޅުއްވާ ހުދު ކޮތަރު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެފޮޓޯތަކަށް ވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ގާސިމްގެ ފޮޓޯތައް ހިއްސާ ކުރި ފަރާތުން ބުނެފައި ވަނީ، އެ ހުދު ކޮތަރަކީ ގާސިމަށް ވަރަށް ކަމުދާ އެއްޗެއް ކަމަށާއި އެ ކޮތަރަކީ ގާސިމް ދަތުރު ކުރައްވާ އިރު އޭނާގެ ކޮނޑުގައި ބައިންދަވައިގެން ގެންދަވާ ކޮތަރެއް ކަމަށެވެ.

އެ ގޮތުން ސަން އައިލެންޑުން މާމިގިއްޔަށް ސްޕީޑް ލޯންޗުގައި ދަތުރުކުރައްވާ އިރު ގާސިމާއެކު އެ ކޮތަރު ދަތުރުކުރާ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމު ކޮށްފައެވެ. އަދި ގާސިމަކީ ދިރޭ އެއްޗެއްސަށް ވެސް ލޯބި ކުރައްވާ ވަރަށް މަޑުމައިތިރި ބޭފުޅެއް ކަމަށް އެ ޕޯސްޓް ޖެހި ފަރާތުން ބުނެފައި ވެއެވެ.