ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށައިފިއެވެ.
ކ. ގުރައިދޫ، ގުޅި އަދި މާފުށި ހިމެނޭހެން ޖުމްލަ ތިން ރަށް އެ ދާއިރާގައި އެކުލެވޭއިރު ހުރިހާ ރަށެއްގައި ވެސް ވަނީ ގަޑިއަށް ވޯޓުލާން ފަށާފައެވެ. މި ތިން ރަށުންވެސް ޖުމްލަ 3423 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވާއިރު ކ. ގުޅީގައި 1 ވޯޓު ފޮށި، ގުރައިދޫ އަދި މާފުށީގައި 2 ވޯޓު ފޮށީގެ އިތުރުން މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް 1 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. ވޯޓު ލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 08:00 ފެށިގެން ހަވީރު 16:00 އަށެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވާދަކޮށް ފޯރިގަދަ ކެމްޕެއިން ހަރަކާތް ތަކެއް ފާއިތުވި ދުވަސްތަކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން ވާދަ ކުރަނީ ޕާޓީގެ މެންބަރު، މުހައްމަދު ޝާޒްއެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރަނީ، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއެވެ. މި އިންތިހާބުގައި ދެން ކުރިމަތިލި ޕާޓީ އަކީ އެމްއެންޕީއެވެ. އެމްއެންފީގެ ފަރާތުން ކުރިމަތިލީ އަލީ އަރީފު އެވެ.
ހުރިހާ ޕާޓީއަކަށްވެސް މީ މުހިންމު އިންތިހާބަކަށްވާއިރު ތިން ޕާޓީންވެސް ބުނަމުން ދަނީ ގޮނޑި ކާމިޔާބު ކުރެވޭނެ ކަަމަށެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އެ މަގާމު ފުރުވަމުން ގެންދެވި އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ.
ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.