ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ވާދަނުކުރަން ނިންމައިފިއެވެ.

އޭނާ މިކަން ހާމަކޮށްފައި ވަނީ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

ސިނާން ވިދާޅުވެފައި ވަނީ، ‏ޕީއެންސީގެ ޕްރައިމަރީން ކާމިޔާބި ލިބުމަށް ފަހު މިދިޔަ 3 ދުވަހުގެ ތެރޭގައި ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ ޕީއެންސީ ޓިކެޓުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނިކުންނަ ކެންޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އޭނާގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ސިނާން ވިދާޅުވިއެވެ.

މި ނިންމުން މިހާރު ވާނީ ޕީއެންސީގެ ރައީސާއި އެ ޕާޓީގެ ލީޑާޝިޕަށް އަންގާފައި ކަމަށާއި އަދި އެ ނިންމުން ބަލައިގެންފައިވާ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ. އަދި މި ބައި އިލެކްޝަނުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމާއެކު އެ ކެންޑިޑޭޓަކާއެކު ދާއިރާގެ މެންބަރުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ސިނާން ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ސާބިތުވެފައިވާ ދަރަންޏެއް، ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ދައްކަވަމުން ގެންދަވާފައި ނުވާކަމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން، ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެއެވެ.

މި މައްސަލައާ ގުޅިގެން ގޮނޑި ގެއްލުނު ނަމަވެސް، އަލުން އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމުގެ އުންމީދުގައި ހުންނެވިކަން ފާހަގަކުރައްވައި ސިނާން ވަނީ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. “މި އިންތިހާބުގައި އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ ލޮބުވެތި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހްލާސްތެރި އެއްބާރުލުމަށް އަޅުގަނޑު ނުހަނު ބޮޑަށް އެދި ދަންނަވަމެވެ.”ސިނާން ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިނާން މި ގޮނޑި ކާމިޔާބުކުރެއްވީ، ވިހި އަހަރު ވަންދެން އެ ގޮނޑި ފުރުއްވަމުން ގެންދެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި ހަރަކާތްތެރިވާ މުހައްމަދު އަސްލަމް ބަލިކުރެއްވުމަށްފަހުއެވެ. އެހެންކަމުން، އެމްޑީޕީން ވެސް ދަނީ މި ގޮނޑި އަނބުރާ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އަހްމަދު ސޯދިގު ވަނީ މި އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.