މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި މިއަދު ބާއްވާ ބައި-އިލެކްޝަންގައި، މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިވެސް ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ހުޅުމާލޭ ދާއިރާގެ ގޮނޑި އާއި މައްޗަންގޯޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ އިތުރުން އެމްޑީޕީން ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

މި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ:

  • ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
  • ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
  • އަލީ އައިމަން – ހުޅުމާލެ

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި އިލެކްޝަން އަދި ފ. ބިލެތްދޫ ބައިއިލެކްޝަން ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީއެންސީ އިންނެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 13،112 މީހުން ތިބި އިރު އެއީ 6409 އަންހެނުން އަދި 6703 ފިރިހެނުންނެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލާފައިވަނީ އެންމެ 26 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އީސީ އިން ބުނީ 4 ޖެހުމާއި ހަމައަށް ވޯޓު ލީ 26.91 އިންސައްތަ މީހުން ކަމަށާއި ވޯޓު ނުލާ 73.09 އިންސައްތަ މީހުން ތިބި ކަމަށެވެ.