ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ފޯރިއާ އެކު ކެމްޕެއިން ކުރަމުންދާ ދުވަސްވަރު އެމްޑީޕީގެ ބައެއް މެންބަރުން އެންޓި ކެމްޕެއިން ކުރާ ކަމުގެ ތުހުމަތާ އެކު އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް އިސްމާއީލް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުންތަކެއް ދަނީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް ގުރައިދޫ ދާއިރާގެ މެންބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓްގައި ވޯޓު ނުދިނުމަށް ގޮވާލަމުން ކަމަށެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ފައްޔާޒް ވިދާޅުވީ، ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ގަސްތުގައި ޕާތީ ފުންޑުފުނޑުކޮށްލުމަށް ކުރަމްުންދާ މަސައްކަތް އިރާދަކުރެއްވިޔާ ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިހްތިރާމް ކުރުމުގެ ގޮތުން ވެސް ބެލޭނީ ވަކި ހިސާބަކަށް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް ކުރެއްވި މެސެޖުގައި އެމްޑީޕީ މެންބަރުންގެ ތެރެއިން ޕާޓީ ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރައްވަނީ ކޮން ކޮން ބޭފުޅެއް ކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ފައްޔާޒްގެ މި މެސެޖް ރައްދުވަނީ ރިޔާސީ އިންތިހާބަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބާ ކުރިމަތިލައްވައި އެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރައްވަން ބޭނުން ނުވި މެންބަރުންނަށް ކަން ބެލެވެއެވެ.
ނިމިދިޔަ އެމްޑީޕީ ޕްރައިމަރީއާ ހަމައަށް އައި އިރު، އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެއްބަޔަކު ރައީސް ނަޝީދާ އެއްކޮޅާށް ތިބި އިރު އަނެއް ބަޔަކު ތިބީ އެ ޕްރައިމަރީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހާ އެކުގައެވެ. ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހައްދަވާފައެވެ. 'ފިކުރެއްގެ ދިރުން' ގޮތްޕާއެކު އެ ގޮތްޕަށް ތާއީދު ކުރެއްވި މެންބަރުންނާއެކު ނަޝީދު ވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަޅިއަށް އަރުއްވަން މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން މި ފަހުން ރައީސް ނަޝީދު އަންނަނީ ގާސިމްއާ އެކު ގާތް ގުޅުމެއް ބާއްވަމުން ކަމަށް ބެލެވެއެވެ. އެ ދެބޭފުޅުން އެކުގައި ބައްދަލު ކުރައްވާ ތަން ފެންނަ ފޮޓޮތައް އާންމު ވަމުން އަންނަ އިރު ގާސިމް އަންނަނީ ނަޝީދާއެކު މެނިފެސްޓޯއެއް ހެދުމަށް ވެސް މަޝްވަރާތައް ކުރައްވަމުންނެވެ.
ޕްރައިމަރީއަށް ފަހު ނަޝީދު ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅުގައި ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމަސް ވޯޓު ހޯއްދަވާނެތީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ދުރުކުރައްވާނެ ތޯ ސުވާލު ކުރުމުން ފައްޔާޒް އޭރު ވިދާޅުވެފައި ވަނީ މަގާމުން ދުރުކުރަން އެއްވެސް މަސައްކަތެއް އެއްވެސް މީހަކު ނުކުރާ ކަމަށެވެ. އަދި އެއީ ވެސް ފިކުރެއްގެ ދިރުމުގެ ބޭފުޅުން އަމިއްލަ އަށް ދައްކާ ވާހަކައެއް ކަމަށް އޭރު ފައްޔާޒް ވިދާޅުވިއެވެ.