އިދިކޮޅުން ކޮންމެ ރެއަކުވެސް ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިން ބަސް ދަތުރުތަކަށް ހުރަސް އަޅަމުންދާތީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިދިކޮޅު މުޒާހަރާގެ ބައިވެރިން ބަހަށް ހުރަސް އަޅާ މަންޒަރު ފެން ވީޑިއޯއެއް ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވެފައި ވަނީ، މިއީ މިހާރު އާންމުކޮށް މުޒާހަރާގެ ބައިވެރިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އާންމު ރައްޔިތުން ބޭނުން ކުރަމުން އަންނަ މިފަދަ ޕަބްލިކް ޓްރާންސްޕޯޓަކަށް ހުރަސް އެޅުމުން ގަޑިއަށް ތަންތަނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އަދި އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަން ފާހަގަ ކުރައްވަމުން އާޒިމް ވަނީ އެފަދަ ކަން ކަން އިސްލާހުކޮށްދިނުމަށް ފުލުހުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ. އާޒިމް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "މީގަ ތިޔަ އުނދަގޫ ކުރައްވާ ބޭފުޅެއްގެ ގާތް ތިމާގެ، ރަހުމަތްތެރިޔެއްވެސް އިނދެދާނެ" ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އާޒިމް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެންގީއްސުރެ މެދުކެނޑުމެއްނެތި ޕީޕީއެމް އިން ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
އެގޮތުން ޕީޕީއެމް މުޒާހަރާގެ ބައިވެރިން ވަނީ ދާދި ފަހުން ރައީސް ސޯލިހުގެ މޮޓޯ ކޭޑަށް ވެސް ހުރަސް އަޅާފައެވެ. މޮޓޯކޭޑު ޕީޕީއެމް އޮފީސް ދޮރުމަތީގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ބަލަން ފަށާފައި ވާއިރު އެ މައްސަލައާ ގުޅިގެން ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހިމާއި ސިފައިންގެ އިތުރު ބަޔަކު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.