މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ބާކީ އޮތް ދެ މެޗު ރޭ ކުޅުނު އިރު އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑާ އިންގްލޭންޑްގެ ޗެލްސީ ވާދަކުރި މެޗު 2-0 އިން ރިއާލް ކާމިޔާބުކޮށްފިއެވެ.
ރިއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 21 ވަނަ މިނެޓްގައި ފްރާންސްގެ ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒިމާއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 90 ވަނަ ލަނޑެވެ.
މިއަށް ފަހު ނަތީޖާ އެއްވަރުކުރާނެ ފުރުސަތުތައް ޗެލްސީއަށް ލިބުނު އިރު މިދިޔަ ބުރުގައި އިންގްލޭންޑްގެ ލިވަޕޫލް 6-1 ގެ އެގްރިގޭޓަކުން ބަލިކުރި ރިއާލްއަށް މާ ގިނަ ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގައި ރިއާލް އަށް ނަތީޖާ ފުޅާ ކުރާނެ ފުރުސަތު ލިބުނީ މެޗުގެ 59 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލްއަށް ދެއްކި ސީދާ ރަތް ކާޑާއެކުއެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރި ރިއާލްގެ ރޮޑްރީގޯ އަށް ފައުލުކުރުމުންނެވެ.
އެއަށް ފަހު ރިއާލުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. މެޗުގެ 74 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ މާކޯ އެސެންސިއޯއެވެ.
މި ޓައިގެ ދެވަނަ ލެގް އަންނަ ހަފްތާގައި ޗެލްސީގެ ދަނޑުގައި ކުޅޭނެ އިރު އެ މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދާ ޗެލްސީން ރިއާލް ކޮޅަށް ތިން ގޯލަށް ވުރެ ގިނައިން ލަނޑު ޖަހައިގެން މުބާރާތުގެ ސެމީއަށް ދަތުރުކުރެވޭނެއެވެ. އެހެން ނަމަވެސް އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ޗެލްސީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް އަނެއް މެޗުގައި އޭސީ މިލާން ވަނީ 1-0 ނަޕޯލީ ބަލިކޮށްފައެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ނަޕޮލީއަށް ރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް އޭސީ މިލާނުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކި އިރު އެޓީމުން ވަނީ މެޗުގެ 40 ވަނަ މިނެޓްގައި ލަނޑެެއް ވެސް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަލްޖީރިއާ މިޑްފީލްޑަރު އިސްމާއީލް ބެނެކާރެވެ.
މިމެޗުގެ ދެވަނަ ހާފްގައި ދެ ޓީމަށް ވެސް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު 4 މިނެޓްގައި ލިބުނު ދެ ރީނދޫ ކާޑާއެކު ނަޕޮލީގެ މިޑްފީލްޑަރު އަންގީސާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
މި ޓައިގެ ދެވަނަ ލެގް އޮންނަނީ އަންނަ ހަފާތްގައި ނަޕޮލީގެ ދަނޑުގައެވެ.