ދަނޑުވެރިކަން ކުރުމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރުން ފިޝަރީޒް މިނިސްޓްރީން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

މިނިސްޓްރީން ބުނީ، ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވާއިދު އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެގަވައިދަށް ގެންނަ ބަދަލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ފަޅު ރަށްރަށާ ބެހޭ ގަވައިދަށް އިސްލާހެއް ގެންނައިރު، ފަޅު ރަށްރަށާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އޭރު އިސްލާހު ގެނައީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ލިބޭ ގޮތަށެވެ.

ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އޭރު ގެނައި އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް، ނުވަތަ ސިޓީއެއްގެ އިހްތިސާސުގައި ހިމެނޭ ފަޅުރަށެއް ވަރުވާއަށް ލިޔެދޭނަމަ ނުވަތަ ވަކިކުރާނަމަ އެކަން ދެން ކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. މިކަން ކުރަން ޖެހޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުންނެވެ.

މީގެއިތުރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުން ވަނީ މި އިސްލާހުގެ ދަށުން މަނާކޮށްފައެވެ.

ރާއްޖޭގައި ފަޅުރަށްރަށުގެ ގޮތުގައި ގާތްގަނޑަކަށް 774 ރަށެއް ހިމެނޭއިރު މިފަދަ ރަށްތައް ގިނައިން ކުއްޔަށް ދޫކޮށްފައި ހުރި ރިސޯޓް ހަދާށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނާ އެކު ކައުންސިލްތަކަށް ލިބުނު ބާރުތަކާ އެކު ކައުންސިލްތަކުން ދަނީ އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ނުވަތަ އެކައުންސިލް ނިސްބަތްވާ ރަށަކާ އެންމެ ކައިރީގައިވާ ފަޅުރަށްތައް އެކި ބޭނުންތަކުގައި ކުއްޔަށް ދޫކުރުމަށް މަސައްކަތް ކުރަމުންނެވެ.