އިންޑިއާގެ ބިލިއަނަރު އަދި އެފްކޯންސް ކުންފުނީގެ ޗެއާމަން ޝާޕޫރު މިސްޓްރީގެ ޝަޕޫރްޖީ ޕަލޮންޖީ (އެސްޕީ) ގުރޫޕުގެ ދަރަނި އަދާކުރުމަށް އެ ކުންފުނީގެ މޭޖާ ހިއްސާ އޮންނަ، ރާއްޖޭގެ ބްރިޖް ހަދާ އެފްކޯންސް އިންސްފްރާސްޓްރަކްޗާގެ ހިއްސާ ވިއްކާލަން ނިންމައިފިއެވެ.

ސްވިޒަލޭންޑްގެ ރެޑިއޯ ފައުންޑޭޝަން އިންޖިނިއަރިން ލިމިޓެޑާއި އިންޑިއާގެ ހަޒާރަތު އެންޑް ކޮންމެޕީ ގުޅިގެން ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ގޮތުގައި 1959 ގައި ފެށި އެފްކޯންސްގައި އެސްޕީ ގްރޫޕުގެ 47 ޕަސެންޓް ޝެއާ އޮވެއެވެ.

އެސްޕީ ގްރޫޕުން އެފްކޯންސްގެ ޝެއާގަތީ 2000 ވަނަ އަހަރުއެވެ. އެސްޕީ ގްރޫޕުގެ ދަރަނި 2 ބިލިއަން ޑޮލަރަށް އަރާފައި ވާ ކަމަށް ހަބަރުތަކުގައި ރިޕޯޓުް ކޮށްފައި ވާ އިރު، އެސްޕީ ގްރޫޕަކީ އެފްކޯންސް ހިމެނޭހެން 20 ކުންފުންޏެއް ހިންގާ ގްރޫޕެކެވެ.

އެފްކޯންސްގެ ހިއްސާ ވިއްކާލަން އެސްޕީ ގްރޫޕުން ނިންމި އިރު މި ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކެއް ކުރަމުން އަންނަ ކުންފުންނެކެވެ. އެ ގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާއި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްްކަތް ހިމެނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެސްޕީ ގްރޫޕުން ބަލަނީ ދަރަނި އަދާކުރުމަށް އެ ކުންފުނީގެ ބައެއް އިންފްރާސްޓްރަކްޗާ އަދި ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރު ހޯދުމަށް ކަމަށެވެ. އޭގެތެރޭގައި އައިސީއައިސީއައި ބޭންކުން 47 ޕަސެންޓް ގަތް އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި މެޓަލް ވިޔަފާރިވެރިޔާ ސާރާ އިންޓަނޭޝަނަލް އާއި އޮރިއްސާ ސްޓީވްޑޯރެސްގެ ވިޔަފާރިވެރިޔާ މަހިމާނަންދާ މިޝްރާގެ އަތުން ހޯދާފައިވާ އެސެޓެއް ކަމަށްވާ ގޯޕާލްޕޫރު ޕޯޓްސްގެ ހިއްސާ ވިއްކާލަން ވަނީ ނިންމާފައެވެ.

އެސެޓް މޮނިޓައިޒޭޝަންގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނީ ދަރަނި އަދާކުރުމަށާއި އެހެނިހެން ކަންކަމަށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެސްޕީ ގުރޫޕުން އަދި މިކަމާ ގުޅިގެން ރަސްމީ ސްޓޭޓްމަންޓެއް ނެރެފައެއް ނުވެއެވެ.

މީގެ އެތައް އަހަރެއް ކުރިން، އިންޑިއަން ސްޓޮކް އެކްސްޗޭންޖުގައި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިސްޓު ކުރަން ބެލިއެވެ. ރެގިއުލޭޓަރީ އެޕްރޫވަލް ލިބުނު ނަމަވެސް އޭރު އެ ޕްރޮޕޯސަލް ވަނީ މަޑުޖައްސާލާފައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ހިންގާ މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ. އަދި އައްޑޫ މަގު ހެދުމަކީ 1.1 ބިލިއަން ރުފިޔާ ހަރަދުވާނެ މަޝްރޫއެކެވެ.