މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

މާލޭ ސަރަހއްދުގެ ތިން ތަނެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައި ވާއިރު، މާލެއިން މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ މިނިސްޓްރީން ވަނީ މި ސަރަހައްދުތަކުގައި ސައުންޑް ހަމަޖައްސާނެ ފަރާތެއް ވެސް ހޯދަން އިއުލާން ކޮށްފައެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެއެވެ. ނަމަވެސް އެ މިސްކިތްތަކުގެ ތަފްސީލެއް މިނިސްޓްރީން އަދި ނުދެއެވެ.

އީދު ނަމާދަށް ދާ ހުރިހާ ފަރާތްތަކުން ވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައަކާއި ފެންފުޅިއެއް ގެންގުޅުމަށާއި، ފައިވާން ނުވަތަ ބޫޓު ލާނެ ކުޑަ ޕްލާސްޓިކް ނޫން ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށް އެ މިނިސްޓްރީން މީގެ ކުރިން ބޭއްވި މިފަދަ އީދު ނަމާދުތަކުގައި ވެސް ވަނީ އިލްތިމާސް ކޮށްފައި ވެއެވެ.