ރޭ މާލެއަށް ކުރި ބޯ ވިއްސާރާގައި ގަހެއް ވެއްޓި، ޕާކް ކޮށްފައި ހުރި އުޅަނދު ތަކަކަށް ގެއްލުން ވެއްޖެއެވެ.

ގަދަވަޔާއެކު ވިއްސާރަ ކުރުމުގެ ސަބަބުން ވެއްޓިފައިވަނީ، ހެންވޭރު ސަހަރާ ކައިރީގައި ހުރި ބިޔަ ގަހެކެވެ. ގަސް ވެއްޓުމުގެ ސަބަބުން ގަސް ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގެ އިތުރުން ވޭން އަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މީގެ ކުރިންވެސް މާލެއަށް ވައިގަދަވެ، މަގުމައްޗަށް ގަސްތައް ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި މެދު ރާއްޖޭގެ ބައެއް ހިސާބު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އިރާއި އިރުދެކުނުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން މިއަދު ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމުގައިވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.