ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ އިންގްލޭންޑްގެ މެންޗެސްޓާ ސިޓީއާއި ޖާމަނީގެ ބަޔާން މިއުނިކް ވާދަކުރި މެޗު 3-0 އިން ސިޓީ ކާމިޔާބުކޮށް ސެމީއަށް ދިއުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފައިވާ އިރު މި މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނެޓްގައެވެ. މިޑްފީލްޑަރު ރޮޑްރީ ޖެހި މިލަނޑަކީ ހިތް ގައިމު ލަނޑެކެވެ.

އެއަށް ފަހު މެޗުގެ ނަތީޖާ އެއް ވަރުކުރުން ބަޔާންއަށް ވެސް ފުރުސަތުތައް ލިބުނު އިރު ދެން މެޗުގައި ލަނޑެއް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. މިގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ސިޓީގެ ބަނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ ނަތީޖާ ފުޅާކޮށްފައެވެ.

ސިޓީގެ ހާލަންޑް މިވަނީ އެއް ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ޕްރިމިއާ ލީގުގެ ކުޅުންތެރިޔާއަށް ވެފައި/ފޮޓޯ: ސިޓީ

އޭނގެ 6 މިނެޓް ފަހުން ސިޓީގެ ފޯވަޑް އާލިންގް ހާލަންޑް ވެސް ލަނޑެއް ޖެހި އިރު މިލަނޑަކީ ރިކޯޑްތައް މުގުރާލި ލަނޑެކެވެ. މިއީ މި ސީޒަންގައި ހާލަންޑް ޖެހި 45 ވަނަ ލަނޑަށް ވީ އިރު މިއީ މިހާތަނަށް ޕްރިމިއާ ލީގުގެ ކުޅުންތެރިއަކު އެއް ސީޒަންގައި ޖެހި އެންމެ ގިނަ ލަނޑެވެ. މީގެ ކުރިން އެރިކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ރޫޑް ވެނިސްތަރޯއީ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހްގެ އަތުގައެވެ. މި ދެކުޅުންތެރިން ވެސް އެއް ސީޒަންގައި 44 ލަނޑު ޖެހި އިރު ހާލަންޑް މިވަނީ މި ކުޅުންތެރިންގެ ރިކޯޑް ފޫ އަޅުވާލާފައެވެ. އަދި އެ ވެސް 13 މެޗު މަދުން ކުޅެގެންނެވެ.

ކުއާޓާގެ ފުރަތަމަ ލެގުން 3-0 ގެ ނަތީޖާއެއް ހިފައިގެން އަންނަ ހަފްތާގައި ސިޓީ ދާނީ ދެވަނަ ލެގް ބަޔާންގެ ދަނޑުގައި ކުޅުމަށެވެ.

ރޭ ކުއާޓާގެ އިތުރު މެޗެއް ކުޅުނު އިރު މިމެޗުގައި ވާދަ ކުރީ ޕޯޗުގަލްގެ ބެންފީކާއާއި އިޓަލީގެ އިންޓާ މިލާނެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗު 0-2 އިން ކާމިޔާބުކުރީ އިންޓާއެވެ.

އިންޓާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އިންޓާ

މި މެޗުގައި ފެނުނު ދެލަނޑު ވެސް އިންޓާ އިން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގައެވެ. މި ގޮތުން މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށް ދިނީ ނިކޮލަސް ބެރެލާއާ ފޯވަޑް ރޮމާލޫ ލުކާކުއެވެ.

މިޓައިގެ ދެވަނަ ލެގް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އިންޓާގެ ދަނޑުގައެވެ.