ކާއްޓޭގެ ނަމުން އާންމުންގެ މެދުގައި މަޝްހޫރުވި ކޮމީޑިއަން ނަޒީރު ޝިހާމްގެ ފުރަތަމަ ފިލްމު "ވަނާޖުބޭސާ" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ފަށާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު ޓިކެޓް ވިއްކާ ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ޓިކެޓްގެ އަގު 100 ރުފިޔާ އަށް އުޅޭއިރު މި ފިލްމަކީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރާ، ޑައިރެކްޓަރު ވިޝާލް ޒަކީގެ އުފެއްދުމެކެވެ.

ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަކީ އެހެން ދިވެހި ފީޗާ ފިލްމުތަކަށްވުރެ ތަފާތު ފިލްމެއްކަން ފިލްމުގެ ޓްރެއިލާ އިން ވެސް ހާމަވެގެން ދެއެވެ. ރާއްޖޭގެ ހިތްގައިމު ރަށެއްގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ދެވަނަ ފިލްމެވެ. ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު މި އަހަރު އޮލިމްޕަސް ހުޅުވުނުއިރު އެޅުވި ފުރަތަމަ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" އެވެ. ހައުސްފުލް ގިނަ ޝޯތަކަކާއެކު މި ފިލްމު އެޅުވިއިރު މި ފިލްމުވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

ކާއްޓޭގެ "ވަނާޖުބޭސާ" ގައި ހަރަކާތްތެރިވާ ތަރިންނަކީ ނާޒިރު ޝިހަމް، ހުސައިން ޝާދު، މުހައްމަދު ސައީދު، އައިޝަތު ރިމްޝާ، އަހްމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ. މި ފިލްމަކީ ޕާޓިކަލްސް ސްޓޫޑިއޯ، ދަ ސްޓޫޑިއޯ އަދި ވާންޗޯ އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.