ކ. ގުޅީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި އަދި އަންނަ އަހަރު އެ ރަށުގެ ބަނދަރު ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ދައުތުރުގައި ގުޅިއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގުޅިއަށް ތަރައްގީ ގެނެސް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރާ ހަވާލުވެވަޑައިގެން އިރު ގުޅި އޮތް ހާލަތު ސިފަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ގުޅީގެ ފެން އޮތީ އޭރު ތަގައްޔަރުވެފައި ކަމަށެވެ. ނަމަވެސް މިއަދު ގުޅީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، ޒުވާނުން ފުޓްބޯޅަ ކުޅެން ފުޓްސަލް ދަނޑާއި އަދިވެސް ސިއްހީ ދާއިރާއަށާއި ސްކޫލަށް ބޭނުންވެފައި ހުރި ކްލާސްރޫމްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އަމަލީގޮތުން ފަށައިގެން ކުރިއަށް ދާ ކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ވެސް މިތަނުން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އަންނަ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެ މެނިފެސްޓޯގައި އަންނަ އަހަރުގެ ބަޖެޓުގައި ގުޅީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގުޅިއާއި މާފުއްތާއި ގުރައިދޫއަށް ވެސް ވީ ވައުދުތައް ފުރިހަމަ ކޮށްދީ އަދި މިހާރު ވެސް ރައްޔިތުން އެދޭ ކަންތައްތައް ފުއްދައި ދިނުމުގެ މަސައްކަތް މި ގެންދަނީ ކުރިއަށް ކަމަށް ރައިސް ވިދާޅުވިއެވެ.
އެމަނިކުފާނު ސިޔާސީ ހަލަބޮލިކަމުން އެއްފަރާތްވެވަޑައިގެން ހުންނަވައި މަސައްކަތް ކުރައްވަމުން ގެންދެވީ ރައްޔިތުންނަސް ވީ ވައުދު ފުއްދެވުމަށް ކަމަށެވެ. އެ ގޮތުން މި އަހަރުގެ އިންތިހާބު އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރެއްވުމަށް ފަހު ވެސް ދެން ވެސް ކުރިއަށް ދާނީ އެގޮތުގައި ކަަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ހަލަބޮލި ކަމުން ދުރުވެ ވެރިކަން ކުރަމުން ދާއިރު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން އެއީ އެންމެ އިސްކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެވެ.
ގުޅިއަކީ ވެސް ޗާޓުން ބޭރުވެ ސަރުކާރަށް ނުފެންނަ ރަށެއްގެ ގޮތުގައި އޮތް ރަށެއް ކަމަށާއި ގުޅިއަށް މިއަދު އެމަނިކުފާނު ވަޑައިގެންފައި ވަނީ އެ ރަށަށް ރާއްޖޭގެ ރައީސަކު ވެރިކަމުގައި ހުންނަވައިގެން އެ ރަށަށް ވަޑައިނުގަންނަވާތާ 10 އަހަރުވެފައި ވަނިކޮށް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން އެމަނިކފާނަށް ވެސް އެ ރަށަށް ވަޑައިގަނެވުނުލެއް މާ ލަސްވެއްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.