ކުރިއަށް އޮތް ދިވެހި ފިލްމު "ލޯބިވެވިއްޖެ" މާލޭގެ އިތުރުން ތިން އަތޮޅެއްގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިދިޔަ މަހު ފިލްމީ ތަރި އަލީ ސީޒަން ވަނީ އަތޮޅުތަކުގައި ފިލްމު އެޅުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ފިލްމު އަޅުވަން ޑިސްޓްރިބިއުޓަރުން ހޯދަން އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން މިހާރު މި ފިލްމު އަޅުވާ ގޮތަށް ހަމަޖެހިފައިވާ ރަށްތަކަކީ އައްޑޫ، ހދ ކުޅުދުއްފުށި އަދި ގދ ތިނަދޫ އެވެ. ތިނަދޫގައި މި ފިލްމު އަޅުވަން ނިންމިއިރު މި ފިލްމުގެ ބޮޑު ބައެއް ވަނީ ތިނަދޫގެ ހިތްގައިމު މާހައުލުގައި ޝޫޓްްކޮށްފައެވެ.

އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާ ދިވެހި ފިލްމު ''ލޯބިވެވިއްޖެ'' އަކީ އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ފިލްމެކެވެ. ދިވެހި ފިލްމު ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޝޫޓިން ފެށި ފިލްމެކެވެ. ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުނު ނަމަވެސް ފިލްމު އެޅުވުން ލަސްވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޮލިމްޕަސް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

މާލޭގެ އިތުރުން ގދ. ތިނަދޫ، ސްރީލަންކާގެ ކޮލަމްބޯ އަދި ނުއަރަލިޔާ ގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ތިނަދޫގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއުޕ (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) އެވެ.

މި ފިލްމަކީ މިއަހަރު ސިނަމާގައި އެޅުވޭ ދެވަނަ ފީޗާ ފިލްމުވެސްމެއެވެ. އެންމެ ފުރަތަމަ އެޅުވި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" އެވެ.