އީރާނުގައި ބުރުގާ ނާޅާ މީހުން ހޯދަން އާންމު ތަންތާނގައި ކެމެރާ ހަރުކުރަން ފަށައިފިއެވެ. އީނާގުގެ ގާނޫނުތަކުގެ ދަށުން އަންހެނުން ބުރުގާ އެޅުން މަޖުބޫރު އިރު، ބުރުގާ ނާޅާ އުޅޭ ބައެއް މީހުންނާއި ބުރުގާ އަޅަންވާ ގޮތަށް ނާޅާ އުޅޭ މީހުން ފެންނަ މައްސަލަ ހޫނުވެ ބޮޑެތި ހަމަނުޖެހުންތައް ހިނގާ އެތައް ބަޔަކު މިފަހުން މަރުވެފައި ވެސް ވެއެވެ.
އެ ގައުމުގެ ފުރުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބުރުގާ ނާޅާ ނުވަތަ އަޅަންވާ ގޮތަށް ނާޅާ ހުރި މީހަކު ފެނިއްޖެ ނަމަ، އެމީހަކަށް އިންޒާރުގެ މެސެޖެއް ދާނެއެވެ. އެ މެސެޖުގައި ގާނޫނާ ހިލާފުވުމުން ކުރިމަތިވެދާނެ ކަންކަން ފާހަގަ ކޮށްފައި އޮންނާނެ ކަމަށްވެސް ބުނެއެވެ.
ބުރުގާގެ މައްސަލަ އެންމެ ހޫނުވީ މިދިޔަ އަހަރު ބުރުގާ އެޅި ގޮތް ކަމު ނުގޮސްގެން ފުލުހުން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައެވެ. އެ މައްސަލަ އާއެކު، އީރާނުގެ އެތައް ސިޓީއެއްގައި ވަރުގަދަ މުޒާހަރާތައް ފެށި، ފުލުހުންނާ ކުރިމަތިލައި، ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ވާ އިރު އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެސް ވެއެވެ. އަދި އެ މުޒާހަރާތައް މުޅި ދުނިޔެއަށް ފެތުރި ހާއްސަ ކޮށް ހުޅަނގަށް ފެތުރި، ދުނިޔޭގެ 153 ސިޓީއެއްގައި އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ކުރިއެވެ.
އެ ހަމަނުޖެހުންތަކަށް ފަހު، އީރާން ފުލުހުން 3000 އެއްހާ މީހުން ހައްޔަރު ކޮށް މިހާރުވެސް ތަހުގީގު ކުރިއަށް ދާއިރު، ބައެއް މީހުން ވަނީ އަވަސް ޝާރީއަތްތަކެއް ހިންގައި ކުށް ސާބިތުކޮށް މަރާލާފައެވެ. މަރާލި މީހުންނާ މެދު އީރާނުގެ އިދާރާތަކުން ބުނެފައި ވަނީ، އެމީހުން ވަނީ ސަލާމަތީ އޮފިޝަލުންނަށް ހަމަލާ ދީފައި ކަމަށާއި އެއީ ބިމުގައި ފަސާދަ އުފައްދާ މީހުންކަމަށެވެ.
ދާދި ފަހުން، ބުރުގާ ނާޅާ ފިހާރައެއްގައި ހުރި 2 އަންހެނެއްގެ ބޮލަށާއި ގަޔަށް މީހަކު ޔޯގަޓް ތައްޓެއް ބަންޑުން ކޮށްލި މައްސަލައެއް ފެންމަތިވެފައި ވާ އިރު އީރާނުގެ ރައީސް އެބްރާހިމް ރައީސީ ވިދާޅުވެފައި ވަނީ، ހުރިހާ އަންހެނުން ބުރުގާ އަޅަން ޖެހޭނެ ކަމަށާއި އެއީ ދީނީ ގޮތުން ވާޖިބު ކަމެއް ކަމެއް ކަމަށެވެ.