ޓައިވާނުގެ ރައީސް އެމެރިކާއަށް ވަޑައިގަތުމުން، ދޭ އިންޒާރެއްގެ ގޮތުގައި، ޓައިވާނަށް ހަމަލާ ދޭނެ ގޮތުގެ ސިމިއުލެޝަނެއް ނުވަތަ ނަމޫނާއެއް ދައްކާލައިފިއެވެ.

ސިމިއުލޭޝަނަކީ، ކަމެއް ކުރާނެ ގޮތް ނުވަތަ އެއްޗެއްގެ ނަކަލެއް ހަދާ ކަން ކުރާނެ ގޮތް ދައްކާލުމެވެ. ނުވަތަ ކަން ކުރާނެ ގޮތުގެ ތަމްރީން ހެދުމެވެ.

މުޅި ޓައިވާނު ވަށައިގެން އެއް ވަގުތެއްގައި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކުން ޑްރިލް (ފަތިރަކުރުމެއް) އެއް ހިންގާފައި ވާ އިރު އެ ޑްރިލްގައި ހަނގުރާމަ މަތީ ޖެޓްގެ 71 ޖެޓާއި ބޮން އަލާ ބޯޓުގެ 45 ބޯޓާއި 9 މަނަވަރު ހަރަކާތްތެރި ވެފައި ވެއެވެ. މި ޑްރިލްގައި އަސްލު ހަމަލާ ނުދިން ނަމަވެސް، ޓައިވާނުގެ މަގާމުތައް ފާހަގަކޮށް ހަމަލާ ދޭނެ ގޮތް ސިމިއުލޭތް ކޮށްފައި ވެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޑްރިލްގެ ނަމަކަށް ޗައިނާއިން ދީފައި ވަނީ "ޖޮއިންޓް ސްވޯޑް" އެވެ.

ޓައިވާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޓައިވާނުގެ ރައީސް އެމެރިކާއަށް ވަޑައިގަތުން އުޒުރަކަށް ހަދާ، ޗައިނާގެ ނުފޫޒާއި ބާރު ދައްކާލުމުގެ ގޮތުން ހިންގާ އަމަލީ ސަރަހައްދުގެ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ކަމެކެވެ.

މި އެކްސަސައިޒް ނުވަތަ ޑްރިލްގެ ފުރަތަމަ ދުވަހު ޗައިނާ އާއި ޓައިވާނާ އެންމެ ކައިރި ޕިންގްޓޭން ސަރަހައްދުން ދަތުރު ކުރި ޗައިނާގެ މަނަވަރުން ބޮޑުބަޑިވެސް ޖަހާފައި ވާ ކަމަށް ޓައިވާން އޮފިޝަލުން ވިދާޅުވެއެވެ.

މިއާއެކު ޓައިވާނުގެ ކޯސްޓްގާޑާއި ބޮން އަޅާ ބޯޓެއް އެސަރަހައްދާ ކައިރިން ގޮސްފައި ވާއިރު އެ އުޅަނދުން ވަނީ ޗައިނާގެ މަނަވަރަށް އިންޒާރު ދީ، އަނބުރާލައިފައި ދިޔުމަށް އަންގާފައެވެ. އެހެން އެކަން ނުކުރާނަމަ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި އާއެކު އެމެރިކާއިން ވަނީ ޗައިނާ އަށް އިންޒާރެއް ދީފައެވެ. އެމެރިކާގެ ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވީ، ޓައިވާނުގެ ރައީސް ޓިސައީގެ ދަތުރާ ގުޅުވާ މަޝްރަހު ހޫނު ނުކުރުމަށާއި، ޗައިނާގެ ހަމަލާއެއްގެ މުގާބިލުގައި ރައްދު ދިނުމުގެ ގާބިލުކަން ޗައިނާގެ ވަށައިގެން ގާއިމު ކޮށްފައި ހުންނާނެ ކަމަށެވެ. މި މޭރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް މީގެ ކުރިން ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ، ޗައިނާއިން ޓައިވާނަށް އަރައިފިނަމަ، އެމެރިކާގެ ސިފައިން ފޮނުވައިގެން ވެސް ޗައިނާ އާ ހަމަގުރާމަ ކޮށް ބަލި ކުރާނެ ކަމަށެވެ.

ޗައިނާގެ އަތް ދަށުން މިނިވަން ވާން ޓައިވާނުން މަސައްކަތް ކުރާ އިރު، ޗައިނާގެ ނުފޫޒާއިނ ބާރުގެ ސަބަބުން، ޓައިވާނަށް އެކަން ހާސިލުކުރެވޭނެ ގޮތެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން އެދޭތެރެއަށް ވަދެ ޓައިވާނަށް އެހީވުމުގެ ނަމުގައި ޗައިނާގެ ވަށައިގެން، އޮސްޓްރޭލިއާ، ޕިލިޕީންސް، އިންޑޮނީޝިއާ ފަދަ ގައުމުތަކުގައި މިހާރު ވަނީ އަސްކަރީ ބޭސްތައް ގާއިމުކޮށް ފައްކާ ކޮށްފައެވެ.