އދ. ދިގުރަށުން 2،000 އަކަފޫޓުގެ 77 ބިން ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިގުރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ގޯތިތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުމާއި ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމެވެ.

މީގެ އިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން ވެސް ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

އަދި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން މީހަކަށް ދީ، ދޫކޮށްލައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން ހިމެނެއެވެ.

އިއުލާނުގައިވާގޮތުން އެންމެ ގިނައިން ޕޮއިންޓް ލިބޭނީ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ އަދި އުފަންވީރުއްސުރެ އެ ރަށުގެ ރަށްވެހިންނަށެވެ. އެއީ ޖުމްލަ 65 ޕޮއިންޓެވެ.

ގޯއްޗަށް އެދޭ ފޯމު އެ ރަށު ކައުންސިލްގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ޕްރިންޓްކޮށްފައިވާ ފޯމު އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން 10ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.

.ދިގުރަށުން ގޯއްޗަށް ހުށަހެޅޭނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ.