ތާރީހީ ގޮތުން އެތައް މުއްސަނދި ކަމެއް ލިބިފައިވާ ހއ. އުލިގަމުގެ ވާހަކަދައްކާ އަޑުއިވުނު ގިނަ މީހުން ދައްކާނީ އެ ރަށުގައި ބާއްވާ މަސް ފިހުމުގެ ހާއްސަ ހަރަކާތުގެ ވާހަކަތަކެވެ. އެހެންނަމަވެސް އާބާދީގައި 556 މީހުން ދިރިއުޅޭ އުލިގަމު ހާއްސަވަނީ އެކަމަށް އެކަންޏެއް ނޫނެވެ. އުލިގަމު ހާއްސަވާ ހުރިހާ ކަމެއް އެނގިއްޖެނަމަ އުލިގަމަށް ޒިޔާރަތްކޮށްލުމަށް ހިތް އެދޭނެ ކަމާމެދު ސުވާލުވެސް އުފައްދާނެ ޖާގައެއް ނުލިބޭނެއެވެ.
ގާތްގަނޑަކަށް 40 އަހަރުވެފައިވާ އުލިގަމު މަސް ފިހުމުގެ ބޮޑު ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު އެކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ އުލިގަމު މަސް ފިހުމުގެ ހަރަކާތަކީ 1980 ގެ އަހަރު ތަކުގެ ތެރޭގައި ފެށިގެން ކުރިއަށްދާ ހަރަކާތެއް ކަމަށާއި ފުރަތަމަ ފެށިގެން އައީ އޭރު ރިސޯޓްގައި އުޅުނު ޒުވާނުންތަކެއް ޗުއްޓީއަށް ރަށަށް ގޮސް ޒުވާނުންގެ މެދުގައި ކަމަށެވެ. އެހެންނަމަވެސް 2000 ގެ އަހަރުތަކަށް އެޅުނު ފަހުން ބޮޑު ހަރަކާތެއްގެ ގޮތުގައި މަސްފިހުމުގެ އެ ހަރަކާތް ކުރިއަށް ގެންދާ ކަމަށާއި މިހާރު އެ ހަރަކާތް ކުރިއަށް ގެންދަނީ ކައުންސިލުން އިންތިޒާމު ކޮށްގެން ކަމަށެވެ.
2011 ވަނަ އަހަރު ކައުންސިލުތައް އުފެދުމާއެކު އެ ހަރަކާތުގައި ކައުންސިލުން ބައިވެރިވަމުން ދިޔަ ކަމަށާއި 2013 ވަނަ އަހަރު ކައުންސިލްގެ މަސައްކަތުގެ ތާވަލުގައި ހިމަނާ، ބަޖެޓުކޮށްގެން އެ މަސައްކަތް ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވިއެވެ.
އެ ހަރަކާތް ފެށިގެން އައި އިރު އެ ހަރަކާތް ކުރިއަށް ގެންދަނީ ކޮންމެ އަހަރެއްގެ ސައްވާލް މަހުގެ 6 ރޯދައަށް ފަހު ކަމަށްވިޔަސް މިހާރު ސްކޫލް ބަންދާ ދިމާކޮށްއެ ހަރަކާތް ކުރިއަށް ގެންދަނީ މޫސުމަށް ބެލުމަށްފަހު ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި މިހާރު އެ ހަރަކާތް ކުރިއަށް ދަނީ ޖެނުއަރީ ފުރަތަމަ ކޮޅު ކަމަށާއި ސްކޫލް ބަންދު ދުވަސްކޮޅަކަށް ވުމާއެކު ރަށުން ބޭރުގައި ތިބި ފަރާތްތަކުންވެސް ރަށަށް އާދެވޭނެ ފުރުސަތު ލިބިގެންދާ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.
އަބަދުވެސް އެ ހަރަކާތް ކުރިއަށް ދަނީ ތާޒާ މަހުގައި ކަމަށްވާއިރު ޒުވާނުންގެ 30 ކުދިން އޭރު އެ ހަރަކާތް ފެށީ ދޮށިންނާއި ރޯލުން އަދި ދާ ޖަހައިގެން ލިބޭ މަސްހުންނެވެ. އަދި މިއަދު އެ ހަރަކާތް ފުޅާވެ، އެ ހަރަކާތް ބާއްވާ ދުވަހު 600 ވަރަކަށް މަސް ބާނާ ކަމަށް މުއާޒު ވިދާޅުވިއެވެ.
އެ ހަރަކާތް ބޭއްވަން ނިންމާ ދުވަހު ފަތިހު އުލިގަމު ފިރިހެންވެރިން މަހަށް ނިކުންނައިރު އަސުރުވުމުން މަހަށް ދިޔަ ދޯނިތައް ލެފުމުގެ ކުރިން އަންހެނުން މިރުސްގަނޑު ތައްޔާރުކުރުމާއި މަސްވެރިން ލަފާއިރު ސާގު ފަނި ފަދަ ކެއުންތައް ތައްޔާރު ކޮށްފައި ހުރެއެވެ. އަދި އެ ރޭ ފިހާ މަހާއެކު ކާން ފޮނިކާތަކެތީގެ ގޮތުގައި 4 ވައްތަރެއްގެ ބޮޑިބަތް ތައްޔާރުކުރާއިރު އޭގެ ތެރޭގައި ބަނބުކެޔޮ ބޮނޑިބަތާއި ހަނޑުލު ބޮނޑިބަތުގެ އިތުރުން މާޅެސްކެޔޮ ބޮނޑިބަތާއި ސާގު ބޮނޑިބަތްވެސް ހިމެނެއެވެ.
އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ހަރަކާތް ބޭއްވުމުގެ 3 ވަރަކަށް މަސްކުރިން ތާރީހު އިއުލާނުކުރާއިރު އެ ދުވަސް ގާތްވާއިރު ދަރު ހޯދާ ވަކި ވަރަކަށް ބުރިކުރުމުގެ މަސައްކަތްތަކުގައި އުލިގަމުގެ ރައްޔިތުން ޝާމިލުވެއެވެ. އަދި މަސްފިހަން އިހުގައި ބޭނުންކުރި ފަދަ ފަތްތޮށި އުލުގެ 600 އެއްހާ އޫވެސް އެކަމަށް ތައްޔާރު ކުރެއެވެ.
މުއާޒު ވިދާޅުވީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުންވެސް ހަރަކާތް ކުރިއަށްދާކަން ހުރިހާ ފަރާތްތަކަށްވެސް އިއުލާނުކުރާ ކަމަށާއި އަގަކާ ނުލާ އިތުރު ރަށްރަށުގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް އެންމެ ފަހުން ބޭއްވި ހަރަކާތަށްވެސް އެ ރަށަށް ދިޔަ ކަމަށް މުއާޒު ވަނީ ފާހަގަ ކުރައްވާފައެވެ.
ގުދުރަތީ ޔޮޓް ބަނދަރެއް އޮންނަ އުލިގަމުގެ މަލަމަތި ރީތި ވެފައި ޗާލު!
އުލިގަމަކީ ޒަމާނުންސުރެ ބޭރުގެ އުޅަނދުފަހަރު ޒިޔާރަތްކުރާ ރަށަކަށްވާއިރު ކާގޯ ބޯޓުތާއި ޔޮޓްތައްވެސް އެ ރަށަށް ޒިޔާރަތްކުރެއެވެ. އެހެންނަމަވެސް އެ ރަށުގައި ޔޮޓް ބަނދަރެއް އޮންނަ ވާހަކަތަކަކީ މަގްބޫލު ވެފައިވާ ވާހަކަތަކަކަށް ވަނީ ވެފައެވެ.
މުއާޒު ވިދާޅުވީ އުލިގަމު އޮންނަ ސަރަހައްދަކީ ބޭރުގެ އުޅަނދު ފަހަރު ވަރަށް ގިނައިން ދަތުރުކުރާ 8 ޑިގްރީ ޗެނަލް އޮންނަ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަކީ ޔޫރަޕާއި އޭޝިއާ ދެމެދު ހުރިހާ ދަތުރެއް ހިނގަމުންދާ މަގުމަތީގައި އޮންނަ ރަށެއް ކަމަށެވެ. އަދި އުލިގަމް ބަދަރަކީ ގުދުރަތީ ގޮތުންވެސް ރައްކާތެރި ބަނދަރެއް ކަމަށް ބޭރުގެ ދަތުރުވެރިންނާ ހަވާލާދީ މުއާޒު ވަނީ ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ އެ ރަށަށް ގިނަ އަދަދެއްގެ ޔޮޓް ޖެނުއަރީއިން ފެށިގެން އޭޕްރީލް އާ ދެމެދު ޒިޔާރަތް ކުރާ ކަމަށެވެ.
ރާއްޖެއަށް ބޭރުގެ އުޅަނދު ފަހަރު އެތެރެވުމުގެ އެއް ދޮރާށި ކަމުގައިވާ އުލިގަމުގައި ސަރުކާރުން އެކަމަށް ބޭނުންވާ ހުރިހާ މުވައްސަސާތަކެއްވެސް ގާއިމު ކޮށްފައި ވާއިރު އެމްއެންޑީއެފާއި ޕޯޓާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އޮފީހެއްވެސް އެ ރަށުގައި ހުރެއެވެ.
މާލޭގައި ހުރި ހުކުރު މިސްކިތް އަސްލަކަށް ބަލައިގެން ގާއިމުކުރި މިސްކިތް!
މާލޭގެ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރު އަސްލަކަށް ބައްލަވައިގެން އެ ހުކުރު މިސްކިތާ އެއް ޑިޒައިނެއްގައި އުލިގަމުގައި މިސްކިތެއް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. 800 މީހުންގެ ޖާގައިގެ އެ މިސްކިތަކީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްދީފައިވާ މިސްކިތެކެވެ.
އެ މިސްކިތަކީ ފަތުރުވެރިންނަށް ވެސް މަގްބޫލު މަންޒިލަކަށް ވެފައިވާއިރު ޔޮޓްތަކާއި ޕެސެންޓާ ލައިނާތަކާޢި ކުރޫޒް ލައިން ފަދަ އުޅަނދުތަކުން 3000 އަށް ވުރެ ފަތުރުވެރިން އެ ރަށަށް ޒިޔާރަތް ކުރެއެވެ.
އުލިގަމަކީ 2008 ގައި އޭރު ގެ ސަރުކާރުން ފަތުރުވެރިކަމަށް ސިޓީ ހޮޓަލެއްގެ މަސައްކަތް ފެށި ރަށަކަށްވާއިރު އެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް ކައުންސިލަށް އެ ބިން ލިބުމާ ގުޅިގެން ގެސްޓް ހައުސް ތަރައްގީކުރަން ބޭނުްންވާ ފަރާތްތަކަށް އެ ތަންތަން ހުޅުވާލާފައިވާނެ ކަމަށާއި ފަތުރުވެރިކަމުގެ ހަރަކާތްތައް އެ ރަށުގައި ފެށިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މުއާޒު ވިދާޅުވިއެވެ.
އުލިގަމު ބުރަފަތި ދަނޑު، ނުފެންނަ ތަފާތު މަންޒަރެއް!
ވައިން ހަކަތަ އުފައްދާ ވިންޑް ފާމެއް ނުވަތަ ބުރަފަތި ދަނޑެއް އުލިގައުގައި ހުރިއިރު އެ ރަށުގެ މަލަމަތިން އެ ދަނޑުފެނެއެވެ. 2007 ވަނަ އަހަރު ހިސާބުގައި ބޭރުގެ ގައުމުތަކަކާ ގުޅިގެން އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓުގައި ހެދުނު އެ ވިންޑް ފާމް އެހެންނަމަވެސް މިހާރު އެ ދަނޑެއް ބޭނުމެއް ނުކުރެއެވެ.
ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި ހަދާފައިވާ ބުރަފަތި ދަނޑަށް ދެވޭނެ ހެން މަގެއް އިންނައިރު އަލަށް އެޅި އިންޖީނުގެއާއި ފެނާއި ނަރުދަމާ އިމާރާތްވެސް ހުންނަނީ އެ ސަރަހައްދުގައެވެ. އަހަރެއްހާ ދުވަހު ބޭނުންކުރި ބުރަ ފަތި ދަނޑަށް މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު ބުރަ ފަތި ދަނޑު ބޭނުންކުރުން ހުއްޓާލައިފާ ވަނީ އެ ދަނޑުން އުފައްދާ ހަކަތައަށްވުރެ އެ ރަށުގެ ކަރަންޓް ޑިމާންޑް ބޮޑުވުމުން ކަމަށާއި ވައި ނުޖެހޭ ދުވަސްވަރު ބޭނުން ނުކުރެވޭތީ ކަމަށް މުއާޒު ވިދާޅުވިއެވެ.
އުލިގަމަކީ ދުވަސްވީ ރަށެއްގެ ގޮތުގައި ފާހަގަކުރައްވާ މުއާޒު ވިދާޅުވީ އެ ރަށުގެ ކޮންމެ ސަރަހައްދަކުން ކޮނުނަަސް އިންސާނުންގެ ކަށި ފެންނަ ކަމަށާއި ކަށި ޓެސްޓް ކުރެވިފަ ނެތަސް ކޮނެވޭ ކޮނުމުގެ ތެރޭގަ އެ ޒަމާނުގަ ވަޅު ލެވިފަ ހުރި ތަށި އެއްޗެހި ބޮލި އެއްޗެހިވެސް ފެނިފައިވާ ކަމަށެވެ. އެހެން ފެންނަ ތަކެތީގައި ޗައިނާގެ އުފެއްދުންތައްވެސް ފެނިފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.
112 ހެކްޓަރު ހުރި އުލިގަމަކީ ރީތި ރަށެކެވެ. ހުދު ފަސް ގަނޑެއް އޮންނަ އުލިގަމަކީ މޫދަށް އެރުމަށްވެސް ހިތްގައިމު މަންޒިލެކެވެ. ދެ ކަނޑޫފަލެއްވެސް އޮންނަ އުލިގަމުގެ ރައްޔިތުންނަކީ އެކުވެރި ބަޔަކަށްވާއިރު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށް ގިރުމާއި ކަނޑޫފާތައް މަރުވުމުގެ މައްސަލައެވެ. މުއާޒު ވިދާޅުވީ ބަނދަރު ހެދާފައިވާ ގޮތުގެ ސަބަބުން ބަނދަރުގެ ދެ ފަރާތުން އޮންނަ ފަސްގަނޑަށްވެސް އެ ކަމުގެ ނޭދެވޭ އަަސަރު ކޮށްފައިވާ ކަމަށާއި ލޮނުގެ އަސަރުކޮށް ކަނޑޫފާ މަރުވަމުންދާއިރު ސަރުކާރުން އެކަންކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ބުނިނަމަވެސް އަމަލީ މަސައްކަތެއް އަދި ފެނިފައި ނުވާ ކަމަށެވެ.