ހއ. އުލިގަމުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ހުޅުއްވައިދެއްވައިފިއެވެ.
އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އާ އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އެރަށުގެ އާ އިންޖީނުގެއަކީ 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ ގޮތަށް ފަރުމާ ކޮށްފައިވާ އިމާރާތެކެވެ.
އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހއ. ގެ އަތޮޅުތަކަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކޮށް ރައީސް ވަނީ އެރަށަށް ގިނަ ވައުދުތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، މާލެ އަށް ފަހު އެންމެ ގިނައިން ޔޮޓު ފަހަރު ލަފާފުރާ އެއް ރަށަކީ އުލިގަމު ކަމަށާއި، އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ޔޮޓު ފަހަރު ކައިރިކުރެވޭނެ ފަދަ ރަނގަޅު ނިޒާމެއް ގާއިމްކުރާނެ ކަަމަށެވެ.
2008 ވަނަ އަހަރު އޭރުގެ ސަރުކާރުން އުލިގަމުގައި ހޮޓަލެއް އަޅަން މަސައްކަތްކުރަން ފެށި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ ހޮޓާ އަޅަން ހުރި ބިން ވަނީ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައި ކަމަށާއި، ކައުންސިލުން އެ ތަނުން ދެ ބިމެއް ކުއްޔަށްދީ، ކައުންސިލަށް އާމްދަނީ މިހާރު ލިބެމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެ ރަށުގައި ހައުސިން ޔުނިޓް ގާއިމްކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް އަޅުއްވާނެ ކަމަށާއި، އެ ރަށުގެ ސްކޫލަށް އަށް ކްލާސްރޫމް އިތުރުކޮށް، މައި މަގުގައި ތާރު އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ.