ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ރޫޓޫ R12ގެ ހިދުމަތްދޭ ގަނޑިތަކަށާއި R5 ގެ ބަސް ސްޓޮޕްތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެމްޓީސީސީއިން ނިންމައިފިއެެވެ.
އެމްޓީސީސީއިން ބުނީ މާދަމާއިން ފެށިގެން R12 (ސޯސަން) ބަސް ރޫޓޫގެ ހިދުމަތް ލިބޭނީ ފަތިހު 5:30އިން ހަވީރު 5:30 އަށެވެ. އަދި R5ގެ ބަސްރޫޓު (ހުޅުމާލެ ފޭސް 1 އިންޓާނަލް) ރޫޓްގެ ސްޓޮޕްތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން R5 ރޫޓުގެ ބަހުގެ ހިދުމަތް ދެމުން ދިޔައީ ހެނދުނު 5:45 އިން އިރުއޮއްސި 6:00 އަށެވެ. R5އަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާ ގުޅުވާލުމުގެ މަގްސަދުގައި އިތުރުކޮށްފައިވާ ރޫޓެކެވެ.
މީގެ އިތުރަށް ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުން ވެސް ބަހުގެ ހިދުމަތް ކޮންމެ 15 މިނެޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އާރްޓީއެލުން އަންނަނީ ތަފާތު 12 ރޫޓެއްގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މިހާރު ބޭނުން ކުރެވޭއިރު ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.