ކޮވިޑް-19 ޕެންޑެމިކްގެ ހަރުކަށި ފިޔަވަޅުތައް ޗައިނާއިން އުވާލުމާ އެކު އޭޝިއާގެ އިގްތިސާދީ ދުވެލި މިއަހަރު ވަރުގަދަވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފިއެވެ.
އޭޑީބީން އަންގާރަ ދުވަހު ނެރުނު އެންމެ ފަހުގެ ގްރޯތު އައުޓްލުކްގައި ބުނެފައިވަނީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ އިގްތިސާދު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު 4.8 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެނީލާގެ ޑިވެލޮޕްމަންޓް ބޭންކުން ވަނީ ޗައިނާގެ ހަރުކަށި "ޒީރޯ ކޮވިޑް" ސްޓްރެޓެޖީ ނިމުމަކަށް ގެނައުމަށްފަހު އަލުން ހުޅުވާލުމަކީ އުޖާލާ ވިސްނުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބު ކަމަށް ފާހަގަކޮށްފައެވެ.
ނަމަވެސް އޭޑީބީން ބުނީ، ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ދިއުމާއި، އިންޓްރެސްޓް ރޭޓް މަތިވުމާއި، ދަރަނީގެ މިންވަރު މަތިވުން ފަދަ ނުރައްކާތައް ދުނިޔޭގެ އައުޓްލުކްއަށް ކުރިމަތިވެފައިވާ ކަމަށެވެ.
ޗައިނާގެ އިގްތިސާދު މިއަހަރު 5 ޕަސެންޓް އަދި 2024 ވަނަ އަހަރު 4.5 ޕަސެންޓް ކުރިއަރާނެ ކަމަށް އޭބީޑީން ބުންޏެވެ. އިންޑިއާގެ އިގްތިސާދު ހަރުދަނާކަން ފާހަގަކޮށް އޭޑީބީ އިން ބުނީ މިއަހަރު 6.4 ޕަސެންޓް އަދި އަންނަ އަހަރު 6.7 ޕަސެންޓަށް އަރާނެކަމަށް އަންދާޒާކުރާ ކަމަށެވެ.
މިދިޔަ އަހަރު އިންފްލޭޝަން 4.4 ޕަސެންޓަށް އެރުމަށްފަހު 2023 ވަނަ އަހަރު 4.2 ޕަސެންޓަށް އަދި 2024 ވަނަ އަހަރު 3.3 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އޭޑީބީގެ ޗީފް އިކޮނޮމިސްޓް އަލްބަޓް ޕާކް ވިދާޅުވީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ އިގްތިސާދުތަކަށް އޮތް ފުރުސަތުތައް އުޖާލާ ކަމަށާއި ބަލިމަޑުކަމަށްފަހު އާންމު ހާލަތަށް އެނބުރި އަންނައިރު އެ ގައުމުތައް އޮތީ ވަރުގަދަ ރިކަވަރީއަކަށް ތައްޔާރުވެފައި ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، ފިލިޕީންސް އަދި ވިއެޓްނާމް ފަދަ ގައުމުތަކުން ވެސް ޓޫރިޒަމާއި އެތެރޭގެ ޑިމާންޑް ވަރުގަދަވުމުގެ ސަބަބުން ހަރުދަނާ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކޮށްފައި ވާއިރު، މި އަހަރު އެ ސަރަހައްދުގެ އިގްތިސާދު 4.7 ޕަސެންޓް އަދި 2024 ވަނަ އަހަރު 5 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޯކޭސަސް އާއި ސެންޓްރަލް އޭޝިއާގެ އިގްތިސާދު މި އަހަރު 4.4 ޕަސެންޓް އަދި 2024 ވަނަ އަހަރު 4.6 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ޕެސިފިކް ރަށްތަކުގެ އިގްތިސާދު 3.3 ޕަސެންޓާއި 2.8 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.