​​އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، މޫލީ މާކެޓް ގެ ސަބަބުން ފަސޭހަކަމާއެކު، ގޭގައި އަދި ކޮންމެތާކު ތިބެގެންވެސް ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ ގެ އާ ހަމައަށް މުޅިން ހިލޭ ލިބުމުގެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށެވެ.

މޫލީ މާކެޓަކީ މި ރޯދަ މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފަސޭހަ ފަހި ވެގެންދާ ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ. އަދި ​​މޫލީ މެދުވެރިކޮށް ލިބެން ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ އިނގުރު، ފެހި މިރުސް ފަދަ ތަކެތި ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓްގައި ވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުން ކަމަށެވެ. އަދި މާލޭގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ލިބެން ހުރި ހެޔޮ އަގުގައި މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭއިރު، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގްރޭޓާ މާލެ ތެރޭގައި ގެއާއި ހަމައަށް މުޅިން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ލުޔެއް ކަމަށް އުރީދޫން ބުނެއެވެ.

މޫލީ މާކެޓް އާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ​​ ވިދާޅުވީ، ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ކޮންމެތާކުންވެސް ފަސޭހަކަމާއެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި ގުޅިގެން މޫލީ މާކެޓް ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މޫލީ މަކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެއް. ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މިފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ​​

​​އުރީދޫން ބުނީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބާޒާރުކުރުމުގެ ތަޖުރިބާއެއް ހޯދާ ދިނުމުގެ އިތުރުން ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށެވެ.

​​މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް މި ލިންކަށް ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.