ދެހާސް ވިހި ވަނަ އަހަރު ނެޓްފްލިކްސްގައި ސްޓްރީމް ކުރި ކާމިޔާބު ފިލްމު "އެކްސްޓްރެކްޝަން" ގެ ސީކުއަލް ރިލީޒް ކުރާ ދުވަސް ހާމަކޮށް ފިލްމުގެ ޓީޒާ ދައްކާލައިފިއެވެ.

ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކްރިސް ހެމްސްވޯތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބަޔަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ފުރަތަމަ ފިލްމު ސްޓްރީމްކުރިތާ މަސްދުވަސްވެސް ނުވަނީސް ފިލްމުގެ ދެވަނަ ބައެއް އަންނާނެ ކަމަށް ސްކްރީން ރައިޓަރު ލިޔުނު ޖޯ އޭރު ބުންޏެވެ. އޭގެ ތިން އަހަރު ފަހުން އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހު ކްރިސް ހެމްސްވޯތު އާއެކު ފިލްމުގެ ދެވަނަ ބައެއް ގެންނަން ތައްޔާރު ވަމުން އަންނައިރު ފިލްމުގެ ފުރަތަމަ ބައި ނިމިގެންދިޔައީ ކްރިސް ހެމްސްވޯތު މަރުވާ މަންޒަރާއެކުގައެވެ. އޭނާ އެނބުރި އަންނާނެތޯ ނުވަތަ ނޫންތޯ ފޭނުން އޭރު ސުވާލު އުފައްދަމުން އައި އިރު އެ ސުވާލުތަކުގެ ޖަވާބު މި ފަހަރުގެ ޓީޒާ އިން ފެނިގެންވަނީ ގޮސްފައެވެ.

ބޮލީވުޑް އަދި ހޮލީވުޑް ތަރިންނާއެކު ގެނެސްދީފައިވާ މި ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓްކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި ސޭމް ހާގްރޭވް އެވެ. މި ފަހަރުގެ ފިލްމުން ފެނިގެންދާ ބައެއް ތަރިންނަކީ ގޯލްޝިފްތޭ ފަރަހާނީ، އޯލްގާ ކުރެލެންކޯ އަދި ޑެނިއަލް ބާންހާޓް އެވެ. 69 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށްވަނީ 1.6 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.