ކ. މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ އެރަށުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށް ގޯތި ދިނުމާ ބެހޭ އުސޫލު އިސްލާހުކޮށް އަލުން ގޯތި ދިނުމަށް އިއުލާން ކޮށްފިއެވެ.
މާފުށި ހިއްކި ބިން ސަރަހައްދުން ގޯތި ދޫކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށު ކައުންސިލުން ކުރި އިއުލާން ވަނީ ބާތިލް ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ އާންމުކުރި އުސޫލުގައި، އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ޕޮއިންޓް އުނިވާ ގޮތަށް ކަނޑައަޅާފައެއި ނުވިނަމަވެސް އެ އުސޫލަށް އިސްލާހު ގެނެސް އަލުން ކުރި އިއުލާނުގައި ވަނީ އުފަންވީންސުރެ އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ޕޮއިންޓް އުނިވާނެ ކަމަށެވެ. މި ގެނައި އިސްލާހާއެކު މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ 30 ޕޮއިންޓް އުނިވާނެއެވެ.
މީގެ އިތުރުން ގޯތި ދިނުމުގެ އުސޫލަށް ދެން ގެނައި ބަދަލުގައި ވަނީ އުމުރު ފުރާގެ ބައިން ޕޮއިންޓު ދިނުމުގައި، 40 އަހަރު ފުރިފައިވާ މީހެއްނަމަ 20 ޕޮއިންޓް ލިބޭ ގޮތަށް އިސްލާހު ގެނެސްފައެވެ.
މާފުށިން ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ އެ ބިން ދޫކޮށްލުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ހިމެނެއެވެ. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އިތުރަށް އެ އިއުލާނުގައިވަނީ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ދޫކޮށްލައި ނުވަތަ ހިބައިން ދީފައިވާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުކޮށްފައެވެ.
މާފުށީ ކައުންސިލް އިދާރާއިން ކުރި އިއުލާނުގައިވަނީ މި މަހުގެ 09 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހު 15 ދުވަހާ ހަމައަސް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.