ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝާން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މއ. ކޮށީގެ އަބްދުﷲ ސައީދު އައްޔަންކޮށްފިއެވެ.
އެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިދިޔަ މަހުގެ މާޗު މަހުގެ 26 ވަނަ ދުވަހު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު މިއަދު އައްޔަންކޮށް، މަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޕީސީބީގެ ރައީސް އާސިމާ މުހައްމަދެވެ. ލިޔުން ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ޕީސީބީއިން ވަނީ ޕީސީބީގެ ގާނޫނާއި ކޯޕަރޭޓް ގަވާނޭންސް ގުޅޭ މައުލޫމާތު ހިއްސާކޮށް ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކުންފުނިީގެ މުހިންމު ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމަށް ސައީދު އައްޔަންކުރީ ގާނޫނު ނަންބަރު 2/2013، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ)ގެ 2ގައިވާ ގޮތުގެ މަތިންނެވެ.
ސައީދު އެންމެފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިފިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އޭގެ އިތުރުން ސައީދުވަނީ މީގެ ކުރިން ގްލޯބަލް ޓްރޭޑިން (ސިންގަޕޯ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު ކަމާއި ޑިރެކްޓާއޮފް ބިޒްނަސް ޑިވެލޮޕްމަންޓްގެ މަގާމާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްފެނީ ޕަރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯ ކަމާއި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯ) ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.