އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު ވެސް، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ، ޑރ. އާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ޒައާމަތުގައި ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުން ގެނެސްދެއްވާފައި ވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީ އާއި ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުން ދެމެހެއް ޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން
ޑރ އާސިމް އަހުމަދު

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ އާސިމް އަކީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، އެޑިއުކޭޝަން މިނިސްޓަަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ރައީސަށް ތާއީދު ކުރައްވަން ނިންމެވިކަން ޑރ. އާސިމް ހާމަކުރައްވާފައި ވާއިރު މިހާރު އޮތް ކޯލިޝަނާ ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައި، އެ ޕާޓީގެ ފަރާތުން ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން އެޕާޓީގެ ގިނަ މެންބަރުން އަންނަނީ ޕާޓީން ވަކިވަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި އެ ޕާޓީގެ މެންބަރުކަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަކިވެ ވަޑައިގެންފައި ވާއިރު ޖެމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމް އަދި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއެވެ.