ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި ފުޅާކުރުމަކީ ޒަމާނުއްސުރެ ދެކެވެމުން އައި ވާހަކައެއް ނަމަވެސް މިއަދު އެއީ ހަގީގަތެކެވެ. ޓޫރިޒަމް ނުވަތަ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބެވެ. ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލާ އުފާ ފާޅުކުރުމަށް އަހަރަކު އެތައް މިލިއަން ފަތުރުވެރިން ރާއްޖެ އާދެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 267،502 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވާއިރު މިއީ ފާއިތުވި 3 އަހަރުގެ ތެރޭގައި މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ އަހަރެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާރު 116 ރަށެއްގައި ގެސްޓްހައުސް ހިންގަމުން ދެއެވެ. އެގޮތުން އެންމެ ގިނައިން ގެސްޓްހައުސްތައް ހިންގަމުން އަންނަ އަތޮޅުތަކަކީ ކ، އއ، އދ، އަދި ވ އަތޮޅެވެ. ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 59،924 އެނދު އެބަ ހުއްޓެވެ. އޭގެ ތެރޭގައި 172 ރިސޯޓުގެ 41،945 އެނދާއި 13 ހޮޓެލެއްގެ 1640 އެނދާއި، 883 ގެސްޓްހައުސް އެއްގެ 14،282 އެނދު އަދި 152 ސަފާރީއެއްގެ 2953 އެނދު ހިމެނެއެވެ.
2010 ވަނަ އަހަރު ކ. މާފުށީގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް އާއެކު ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ފުޅާވެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައެވެ.
ރަށުގެ ތަރައްގީގައި ލޯކަލް ޓޫރިޒަމްގެ ދައުރު ބޮޑު
ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން 2018 ވަނަ އަހަރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ލޯކަލް ޓޫރިޒަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީގެ ދުވެލި ހަލުވި ވެގެން ގޮސް އާންމު ފަރުދުންނަށް ފައިދާ ވެގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.
ގެސްޓްހައުސް ވިޔަފާރި އަކީ ރަށުގެ އާންމު އަސާސީ ހިދުމަތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރި އެކެވެ. ރަށުގައި އެކަށިގެންވާ ނަރުދަމާ ނިޒާމެއް އޮތުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލާނެ ނިޒާމެއް އޮތުމުގެ އިތުރުން ރަނގަޅު ފެންވަރުގެ ބަނދަރަކާއި ސިއްހީ ހިދުމަތް ލިބެން ހުރުމަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ނުހަނު މުހިންމު ކަމެކެވެ. މިއިން އެނގެނީ ރަށްރަށް ތަރައްގީ ކޮށްގެން މެނުވީ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވެން ނެތްކަމަށާއި ފަތުރުވެރިކަން ކުރިއަރުވައިގެން ނޫނީ ރަށްރަށް ތަރައްގީ ކުރެވެންވެސް ނެތްކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހޮޓެލް ޖެންގައި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރަށްތަކުގެ ތަފާތުކަން ނުވަތަ "ޑައިވަސިޓީ" ކަމަށެވެ.
ލޯކަލް ޓޫރިޒަމަކީ ގައުމަށް ޑޮލަރު ވަދެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާގެ ނާރެހުގައި އިތުރު ތަރިއެއް ފިޔަ ޖަހަން މެދުވެރިވި ސަބަބަކަށް ވަނީ ވެފައެވެ. ނަމަވެސް ހަގީގަތުގައި މިކަމާ ގުޅޭ ގޮތުން ދެވަނަ ނަޒަރަކުން ވިސްނާލުން މުހިންމެވެ.
ޑޮލަރު އިތުރުވިނަމަވެސް ރަށްރަށުގެ އިޖުތިމާއީ ފޭރާން ވީދިފައި!
ލޯކަލް ޓޫރިޒަމާއެކު ރަށްރަށުގައި އުފަންވި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ތިބެވޭކަށް ނެތެވެ. އެތައް ގަވައިދުތަކެއް ހެދިފައިވީނަމަވެސް ގިނަފަހަރަށް ތަންފީޒެއް ނުކުރެވެއެވެ. ނުވަތަ ތަންފީޒުކުރުމުގައި އިހުމާލު ވެވެނީއެވެ. ޓޫރިސްޓުންނަށް ހާއްސަ "ރެސްޓްރިކްޓެޑް އޭރިޔާ" އެއް ނޯވެއެވެ. އެމީހުން އުޅެމުން ދަނީ ނިވާކަން ކުޑަކޮށް ރަށުގެ ބޮޑެތި މީހުންނާއި ކުޑަކުދިންނާއި މަސްހުނިވެގެންނެވެ. ގެސްޓުން އުޅޭ ސަރަހައްދުތަކަށް އާންމުންނާއި ކުޑަކުދިން ވަދެ ނުކުތުމުގައި އެއްވެސް ހުރަހެއް ނެތެވެ. ނިވާކަން ކުޑަކޮށް ރަށުގައި ގެސްޓުން އުޅޭ މައްސަލަ އަކީ މިހާރު "އެއްވެސް ކަމެއް ނޫން" ކަމަކަށް ވެއްޖެއެވެ. މިކަންތައް އެންމެ ބޮޑަށް ދިވާވެފައިވާ ރަށެއްކަމަށް ގިނަ ބަޔަކު ދެކެނީ ކ. މާފުއްޓެވެ.
މުޅި ރާއްޖެއާއި ދުނިޔެއަށްވެސް މާފުށި މަޝްހޫރުވެފައި ވަނީ "ޓޫރިސްޓް އައިލެންޑް" ގެ ގޮތުގައެވެ. ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓު ތަކާއެކު އެތައް ބައިވަރު ޑޮލަރެއް ދުވާލެއްގެ މައްޗަށް ލިބެއެވެ. ނަމަވެސް މިކަމުގެ އަނދިރި ފަރާތައް ނަޒަރު ހިންގާލަން ޖެހެއެވެ. މާލެ ނުލައި މި އަތޮޅުގައި މީހުން ދިރިއުޅޭ 9 ރަށުގެ ތެރެއިން ފުލުހުންނަށް އެންމެ ގިނަ މައްސަލަ ހުށަހަޅާ ރަށަކީ މާފުށި ކަމަށް ފުލުހުން ހިއްސާކުރި މައުލޫމާތުން އެނގެއެވެ. އެގޮތުން މި ނިމިދިޔަ 2022 ވަނަ އަހަރު އެކަނިވެސް މާފުށީގައި ގުރޫޕު މާރާމާރީގެ 11 މައްސަލަ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 19 މީހަކާއި ބަނގުރަލާ ގުޅޭ މައްސަލަ ތަކުގައި 6 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މާފުށީ ސުކޫލު ކުދިން ސުކޫލަށް މަސްތުވާތަކެތި ގެންދާ މައްސަލައަކީވެސް އާކަމެއް ނޫނެވެ. އެހާވެސް ފަސޭހައިން އެތަކެތި ލިބެން ހުންނަ ކަމަށް އެރަށު މީހުން ބުނެއެވެ.
މާލެ އަތޮޅުގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް ސައީދު އަބްދުލް ހަކީމް ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ އެންމެ ކަންބޮޑުވާ ކަންތަކެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔުމާއި ގުޅިގެން މަސްތުވާތަކެތި ހާއްސަކޮށް ރަލާއި ބިޔަރު ރަށުތެރޭގައި އެކި ގޮތްގޮތުން ދައުރުވާކަމަށާއި އޮޕަރޭޝަން ތަކުން އެ އެއްޗެހި އަތުލިޔަސް ލޯކަލް ޓޫރިޒަމް އެހާ ފުޅާ ރަށަކަށް ވާތީ ކޮންމެވެސް ގޮތަކުން ރަށު ތެރޭގައި އެތަކެތި ދައުރު ކުރާކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ ހައި ސީޒަނާއި ދިމާކޮށް ގިނަ ބަޔަކު މާފުއްޓަށް ޒިޔާރަތް ކުރާއިރު ކުށްކުރުން އިތުރުވާ ކަމަށެވެ. ހަފްތާ ބަންދާ ދިމާކޮށް ވަރަށް ގިނަ ބަޔަކު ރަށަށް އަރައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ރެސްޓޯރަންޓުތަކުގައި އަޑުގަދަ ކުރާ ކަމުގެ ޝަކުވާ ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ކަންބޮޑުވާ ދަރަޖައަކަށް އެއްވެސް މައްސަލައެއް ނެތެވެ.
މައްސަލަ އަކީ ލޯކަލް ޓޫރިޒަމެއް ނޫން ކަމަށާއި ގަވައިދުތަކަށް އަމަލު ނުކޮށް އެ ގަވައިދުތައް ތަންފީޒު ނުކުރެވުން ކަމަށް މީހުން ބުނާ އިރު ގައުމުގެ ތަރައްގީއާއި ފައިދާއަށްޓަކައި ކުރާ ކަމަކީ ގައުމުގެ ހަލާކަށް ވިޔަ ދީގެން ނުވާނެއެވެ.