މެލޭޝިއާގެ ބަޓިކް އެއާލައިންގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މެއި މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން 737ގެ ބޯޓެވެ. ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ދަތުރުކުރާ ބޯޓަކީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ދަތުރުތައް ފެށުމަށް މިހާރު އެ އެއާލައިނުން، ވެލާނާ އިންޓަނޭޝަނަލް އޭއާޕޯޓުން ވަނީ ޖާގަ ހޯދާފައެވެ.

އެމްއޭސީއެލް އިން ބުނީ ބަޓިކް އެއާލައިނުން އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާނެ ކަމަށެވެ. މީގެ އިތުރުން މެލޭޝިއާ، ސްރީލަންކާ އަދި ރާއްޖެ އަށް ކުރާ ޓްރާންސިޓް ދަތުރުތަކެއްވެސް ކުރާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. ބަޓިކް އެއާލައިންގެ ދަތުރުތައް ފެށުމާއެކު ރާއްޖެއަށް މެލޭޝީއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެއެވެ.

ރާއްޖެއަށް މިވަގުތު 36 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރަމުން އަންނައިރު ރާއްޖެއަށް ޗާޓަރު ދަތުރުތައް ކުރާ އެއާލައިންތައްވެސް ގިނައެވެ.