ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން، ރާއްޖެއިން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ނިންމަވައިފިއެވެ.

މުހައްމަދު ހަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ދުނިޔެ އާއި މެދުއިރުމަތިން ރައީސް ސޯލިހްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަކަން ކަށަވަރު ކޮށްދެއްވާ ކަމަށާއި ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވުމަށް އެމަނިކުފާނާ އެކު އޭނާ ހުންނެވި ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ވާދަކުރައްވާ އިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވަނީ ނިންމަވާފައެވެ.

މީގެ އިތުރަށް ރިޔާސީ އިންތިހާބުގައި ކޯލިޝަންއާ ވަކިން ބައިވެރިވުމަށް ޖޭޕީއިން ނިންމި ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.

އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައި ޖުމްހޫރީ ޕާޓީ ދޫކޮށްލައްވާފައެވެ.